ހިޖާމާ ޖެހުމުގެ ހިދުމަތްދެއްވާ ފަރާތްތަކުން އެ ފަރާތުން ހިދުމަތް ދިނުމަށް، ހިދުމަތްދޭ ތަނެއް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ހިޖާމާ ޖެހުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކި ކަހަލަ ބަލިބަލީގެ ޝިފާއެއްގެ ގޮތުގައި ހިޖާމާ ޖެހުން އިތުރުވަމުންދާކަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިޖާމާ ޖެހުމުގައި ގެންގުޅޭ އާލާތާއި މަސައްކަތުގައި ބަލަހައްޓަން ޖެހޭ ސާފުތާހިރުކަމުގެ ކަންތައްތައް ފުރިހަމައަށް ނުބެލެހެއްޓިއްޖެ ނަމަ އެކަމުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް އެތައް ނުރައްކާތެރި ބަލިތަކެއް ވާސިލުވެ، އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.

"މިގޮތުން ހިޖާމާ ޖަހައި ތަންތަނުގައި ދޮސްލުން ފަދަ ކަންތައްތަކުގެ އިތުރުން އެއިޑްސް، ހެޕަޓައިޓިސް ބީ، ހެޕަޓައިޓިސް، ސީ ފަދަ ނުރައްކާތެރި ބަލިތައް އެކަކުގެ ފަރާތުން އަނެކަކަށް އެރުން އެކަށީގެންވެ އެވެ." ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ސިއްހީ ހިދުމަތް ދިނުމުގެ ގޮތުން، ރަޖިސްޓްރީ ކުރަން ޖެހޭ ފޯމު އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.