މިދިޔަ މަހުގެ 30 ވަނަ ދުވަހު ކައިވެނީގެ ގޮށްޖަހައިލި ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ ކަރަން ސިން ގްރޯވަރު އަދި ބިޕާޝާ ބާސޫ ހަނީމޫނަށް ރާއްޖެ އައުމަށް ފުރާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

އިންޑިއަން ޑޮޓް ކޮމްގައި ވަނީ ދެމީހުން މުމްބާ އެއާޕޯޓު ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިމަނާފަ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ ދެ ތަރިން ހަނީމޫނަށް އަންނަނީ "އެ ގައުމެއްގެ ރީތި ގޮނޑުދޮށްތަކާއި މޫދާއި ފަރުތަކުގެ ރީތިކަމަށް ނަން މަޝްހޫރު ދިވެހިރާއްޖެ،" އަށް ކަމަށް ބެލެވޭ ކަމަށެވެ.

ބިޕާޝާ އަދި ކަރަން ވަނީ މިދިޔަ އަހަރު ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ބޭރުގެ މަޝްހޫރު ފަންނާނުންނަށް ދަޢުވަތު ދީގެން މިދިޔަ އަހަރު ބޭއްވި "ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލް"ގެ އިންޑިޕެންޑެންސް އެޑިޝަންގައި ބައިވެރިވުމަށް ދެ ތަރިން ރާއްޖެ އައިސް ތިބީ ފޯ ސީޒަން ކުޑަ ހުރާގަ އެވެ.

މިއުޒިކް ފެސްޓިވަލްގައި ކަރަން އަދި ބިޕާޝާ ވެސް ދިވެހި ރައްޔިތުންނާ ސްޓޭޖް މަތިން ބައްދަލުކޮށް ވަނީ ވާހަކަދައްކައިފި އެވެ. އަދި ކޮންމެ މަހަކު ވެސް ރާއްޖެ އަންނަން ބޭނުން ކަމަށް ބިޕާޝާ އޭރު ވަނީ ބުނެފަ އެވެ.