08 May 2016, 11:43
ނ. ހޮޅުދޫ ވީރޯޒީބޭންކް އުމުރުން 73 އަހަރުގެ އިސްމާއިލް އަބްދުއްރަހުމާނު (އިސްމާއީލްބެ) ގަސްތުގައި މަރާލި ކަމަށް ތުހުމަތުކޮށް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އިސްލާމާއީލްބެ ގަޔަށް ވަޅި ހަރާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:40 އެހައިކަންހާއިރު އެވެ. އޭނާ މަރުވެފައި ވަނީ އޭގެ ދެދުވަސްފަހުން ނޮވެމްބަރު 18 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ނ. ހޮޅުދޫ، އާޒާދު، ހާރޫން އަބްދުއްލަތީފްގެ މައްޗަށް ކަމަށެވެ. ހާދިސާ ހިނގިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. މައްސަލަ ކޯޓަށް ހުށަހެޅީ ޖެހިގެން އައި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.