08 May 2016, 10:59
ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި ހ. ދޫހިމެރިގެ، ނަދާލް ރަޝީދު،25، މަރުވި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހީންނެވެ.
މި މައްސަލައާ ގުޅިގެން މައުލުމާތު ހިއްސާކުރައްވަމުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީޙް މީގެ ކުރިން ވިދާޅުވެފައިވަނީ، މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން ނަދާލް ރަޝީދު ވެއްޓި ނިޔާވިރޭ އެ އެޕާޓްމަންޓްގައި ތިބި ހަތަރު މީހެއްގެ ކުޑަކަމުދާތަކެތި ނަގާފައިވާކަމަށާއި އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ދާއިމީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
މީގެއިތުރުން، ނަދާލް ރަޝީދު ހަށިގަނޑުން ނެގުނު ބްލަޑް ސާމަޕަލް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި ޝަތީހު ވަނީ ވިދާޅުވެފައެވެ.
ނަދާލް ރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނިޔާވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާކަމަށާއި ނަދާލް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ބޮލުފެ ފުށްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާކަމަށް ސަތީހު ވަނީ ވިދާޅުވެފަ އެވެ.