ރިޔާޟް : މަންމައާއި ބައްޕަގެ ގަޔަށް ޕެޓްރޯލް އަޅައި އެދެމީހުންގެ ހަށިގަނޑުގައި އަލިފާންޖެހި ސަޢޫދީ ޒުވާނަކު މެރުމަށް ސަޢޫދީ ކޯޓަކުން ކުރި ޙުކުމެއް އެޤައުމުގެ ސަރުކާރުން އިއްޔެ ތަންފީޒުކޮށްފިއެވެ.

ޙުސައިން އަލްޢަންބަދީ ނަމަކަށްކިޔާ މިޒުވާނާ މެރުމުގެ ޙުކުމް ސަޢުދީ ސަރުކާރުން ތަންފީޒު ކުރީ ކަނޑިއަކުން އޭނާގެ ބޯ ބުރިކޮށްލައި އޭނާ ކަތިލައިގެން ކަމަށް ސަޢޫދީ ދާޚިލީ ވުޒާރާއިން ބުނެއެވެ. މިޒުވާނާ އޭނާގެ މުސްކުޅި މަންމައާއި ބައްޕަ މަރާލުމަށް މަސައްކަތްކުރީ އެދެމީހުންނާއި އޭނާއާ ދެމެދު ދެބަސްވެ ހިނގި ޒުވާބެއްގައި އައިރުޅި ކޮންޓްރޯލް ނުވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

މިޒުވާނާ އޭނާގެ މައިންބަފައިން މަރާލުމަށްޓަކައި ފުރަތަ ޕެޓްރޯލްއެޅީ ޕެރަލައިޒް ވުމާގުޅިގެން ފޮރޮޅުލީ ގޮނޑިއެއްގައި ހަރަކާތްތެރިވާ އޭނާގެ ބައްޕަގެ ގަޔަށެވެ. އެއަށްފަހު މަންގެ ގަޔަށާއި ސިޓިން ރޫމަށްވެސް ޕެޓްރޯލްއަޅައި ރޯކޮށްލިއެވެ. މިޙާދިޘާގައި ބައްޕަވަނީ އަނދައިގެން މަރުވެފައެވެ. މަންމަވެސްވަނީ ފުރާނައަށް ނުރައްކާވާވަރަށް ފިހުމާގުޅިގެން ހޮސްޕިޓަލުގެ އައި.ސީ.ޔޫ. ގައެވެ.

މިޙާދިޘާ ހިނގާފައިވަނީ ސައޫދީ އަރަބިޔާގެ އިރުމަތީ ސަރަޙައްދުގެ ރަށްފުށުގެ ހިސާބެއް ކަމަށްވާ ތާރޫތް ގައެވެ. ސައޫދީ އަރަބިޔާއަކީ މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތާ އެއްގޮތަށް މަރަށް މަރު އަދި ޤިސާސް ހިފުމުގެ މަތިވެރި އުސޫލު ތަންފީޒުކުރާ ޤައުމެކެވެ.

ސަޢޫދީގައި މަރުގެ އަދަބުދެވޭ ޖަރީމާ ތަކުގެ ތެރޭގައި ގަސްދުގައި މީހުން މެރުމާއި ރޭޕްކުރުމާއި މުރްތައްދުވުމާއި މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމާއި ހަތިޔާރު ބޭނުންކޮށްގެން މަގުފޭރުންފަދަ ޖަރީމާތައް ހިމެނެއެވެ.
މިކަމުގެ ސަބަބުން ދުނިޔޭގައި ކުށްކުރުން އެންމެމަދު އެއްޤައުމު ކަމުގައި ސަޢޫދީ އަރަބިޔާ ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޢާލަމް)