މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު 185.68 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން އިއްޔެ އާންމު ކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބު ރިޕޯޓް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 185.68 މިލިއަން ރުފިޔާ އެވެ. އެއީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދެއްގެ ކުރިއެރުމެކެވެ. ދެހާސްސާދަ ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 99.13 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

ސާފު ފައިދާގެ ގޮތުގައި 185.68 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވާ އިރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެކަމާ ގުޅިގެން އެ ކުންފުނީގެ ޗެއާމަން ހުސެން ސާލިމް މުހައްމަދު އެ ރިޕޯޓްގައި ދެއްވާފައިވާ ސްޓޭޓްމެންޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާއަކީ އެ ކުންފުންޏަށް މީގެކުރިން ނުލިބޭވަރުގެ ބޮޑު ފައިދާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަކޮށް ގިނަ ޕްރޮޖެކްޓްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ހިންގަންފެށުމުގެ ނަތީޖާ ކަމަށެވެ.

ސާލިމް ވިދާޅުވީ 185 މިލިއަން ރުފިޔާގެ އާމްދަނީއާ އެކު 2016 ފަށައިގަނެގެން ކުރިއަށްދާ އިރު، އާ ޒަމާނީ މެޝިނަރީސް ހޯދައި މަސައްކަތްތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކޮށް، ޕްރޮޖެކްޓްތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށްއޮތް އަހަރުތަކުގައި އާމްދަނީ މިއަށްވުރެ އިތުރުވާނެ ކަމަށް ޗެއާމަން ސާލިމް ވިދާޅުވި އެވެ.

އެ ރިޕޯޓްގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީސް އަދި ފަހުގެ ވަސީލަތްތައް ހޯދުމަށް 175.33 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ވެސް އެފަދަ މެޝިނަރީސް ހޯދައި ޕްރޮޖެކްޓްތަކުގެ ދުވެލި އިތުރަށް ހަރުދަނާ ކުރަން އިންވެސްޓްތަކެއް ކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.