ކައިރޯ (މޭ 8): މިސްރުގެ ވެރިރަށް، ކައިރޯގެ ދެކުނުގައި އޮންނަ ހަލްވަން ޑިސްޓްރިކްޓުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެ ގައުމުގެ އަށް ފުލުހުންގެ ގަޔަށް ބަޑި ޖަހާ މަރާލައިފި ކަމަށް މިސްރުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އާދައިގެ ހެދުމުގައި ތިބި ފުލުހުންނަށް ބަޔަކު ހަމަލާދިނީ އެމީހުން ވޭނެއްގައި ދަތުރު ކުރަމުން ދަނިކޮށް، އެހެން އުޅަނދަކުން ފުލުހުންގެ ވޭން ހުއްޓުވަމަށްފަހު ބަޑި ޖަހައިގެންނެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު، ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މީގެ ކުރިން ސައިނާ އާއި ކައިރޯގައި ވެސް ހަމަލާތައްދީ، ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މަރާލާފަ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ލެފްޓެނެންޓަކާއި އެއަށް ވުރެ ދަށް ރޭންކުގެ ހަތް ފުލުހުން ހިމެނެ އެވެ. ހަމަލާ ދިން ވަގުތު އެމީހުން ދިޔައީ ކައިރޯގެ ދެކުނުގައި އޮންނަ ސަރަހައްދެއްގައި ފާރަމަރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ. (އޭއެފްޕީ)