ރިޔާޒް (މޭ 8) : ސައޫދީ ރަސްގެފާނު ސަލްމާންބިން އަބްދުލްއަޒީޒް އެ ގައުމުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ. މިބަދަލުތަކުގެ ދަށުން ސައޫދީ ތެލާބެހޭވަޒީރު އަލީ އައްނުޢައިމީ މަގާމުން ވަކިކުރައްވައި އެ މަގާމަށް އައްޔަން ކުރެއްވީ ޚާލިދުލްފާހިލް އެވެ.

އައްނުއައިމީއަކީ 1991 ވަނައަހަރުން ފެށިގެން ސައޫދީ ތެލާބެހޭވަޒީރުކަމާ އެގައުމުގެ ތެލާބެހޭ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސްފަރާތެވެ. ނުޢައިމީގެ އުމުރުފުޅުން މިހާރު ވަނީ 80 އަހަރު ވެފަ އެވެ. ތެލާބެހޭ ވަޒީރުކަމަށް އަލަށް އައްޔަން ކުރެއްވި ސިއްޙަތާބެހޭ ވަޒީރުކަމުގައި ހުންނެވި ޚާލިދުލްފާހިލް އެވެ. އޭނާއަކީ އައްނުޢައިމީ އާ އަޅާބަލާއިރު ވަރަށް ޒުވާން ބޭފުޅެކެވެ. ބަދަލުކުރެވުނު ވަޒީރުންގެ ތެރޭގައި ހައްޖުގެ ކަންތައްތަކާބެހޭ ވަޒީރު ބަންދަރު ހައްޖާޖު ވެސް ހިމެނެއެވެ. އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މުހައްމަދު ބިންތަންއެވެ.

މީގެއިތުރުން ވެސް ސައޫދީ ބައެއް ވުޒާރާތަކުގެ ވަޒީރުންނަށް ސަލްމާން ރަސްގެފާނު ބަދަލުތައް ގެންނެވިއެވެ. އަދި ބައެއް ވުޒާރާތައް އެއްކޮށްލައްވައި އެއްވުޒާރާ އުފައްދަވާފައިވެސް ވެއެވެ. މިގޮތުން އިޖްތިމާއީ ކަންތައްތަކާބެހޭ ވުޒާރާއާއި ލޭބަރުންނާބެހޭ ވުޒާރާވަނީ އެއްވުޒާރާއެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ސައޫދީ ރަސްގެފާނުގެ ޚާއްސަ އަމުރުފުޅެއްގެ ދަށުން އެގައުމުގެ ކެބިނެޓަށާއި އެނޫން އިސްމަގާމުތަކަށް ގެނައި މިބަދަލުގެ ދަށުން ސައޫދީ މަރުކަޒީ ބޭންކުގެ (ސައޫދީ މަނިޓަރީ އޮތޯރިޓީ) ގެ ގަވަރުނަރުކަމުގެ މަގާމަށްވެސްވަނީ އައު ބޭފުޅެއްކަމަށްވާ އަހްމަދުލްޚުލައިފީ އައްޔަން ކުރައްވާފައެވެ.

ސައޫދީ ކެބިނެޓަށާއި އެނޫން އިސްމަގާމުތަކަށް ގެނައި މިބަދަލުތަކަކީ ސައޫދީ އަރަބިޔާއަކީ ތެލަށް ބަރޯސާނުވާ ދުބާއިފަދަ ސިނާއަތާއި ޒަމާނީ ވިޔަފާރީގެ މަރުކަޒަކަށް ބަދަލުކޮށްލުމަށް އަމާޒުކޮށްގެން "ސައޫދީ ވިޝަން 2030" ގެނަމުގައި އެގައުމުން ދާދިފަހުން އިއްލާންކުރި ދުރުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި ގެނައި ބަދަލުތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޕްލޭން ބިނާކޮށްފައިވަނީ ސައޫދީ އަރަބިޔާ ތެލުގެ އާމްދަނީއަށް ބަރޯސާވާ ގައުމަކުން ތެޔޮނޫން ތަފާތު އިންވެސްޓްމަންޓްތަކާއި ތަފާތު ސެކްޓަރުތަށް ހިމެނޭ ވަރުގަދަ އިގްތިސާދަކަށް ބަދަލުކޮށްލުމަށް ކަމަށް އެގައުމުގެ ވަލީއުލްއަހްދުގެ ނައިބު އަދި ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ. މިޕްލޭންގެ ދަށުން ސައޫދީ އަރަބިޔާގައި ދިގުމުއްދަތަކަށް ވަޒަންވެރިވެގެން ތިބުމުގެ ފުރްސަތު މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށްވެސް ދިނުމާއި މުޅި ސައޫދީގައި ފަތުރުވެރިކަން ފުޅާކުރުމާއި ދަނޑުވެރިކަންވެސް މިހާރަށްވުރެ އެތަށް ގުނައަކަށް ތަރައްގީކުރުން ހިމެނެއެވެ.

އަދި ސައޫދީ ސަރުކާރުން އެމެރިކާ އާއި ޔޫރަޕުން މިހާރު ގަންނަމުންދާ ބިލިޔަން ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ބަދަލުގައި ސައޫދީއަށް ބޭނުންވާ ހަތިޔާރު އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދުމުގެ ވަރުގަދަ ސިނާއަތެއް ފެށުންވެސް ވިޝަން 2030" ގައި ހިމެނެއެވެ. މީގެއިތުރުން މައްކާއާއި މަދީނާގެ ދެ ހަރަމްފުޅުވެސް މިހާރަށް ވުރެ ތިންގުނަ އިތުރަށް ބޮޑުކޮށް ފުޅާކޮށް 30 މިލިޔަން މީހުންނަށް އެއްފަހަރާ ހައްޖުގެ އަޅުކަން އަދާކުރެވޭ މިންވަރަށް މައްކާއާއި މަދީނާ ޒަމާނީ ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީ ކުރުންވެސް މިޕްލޭންގައި ހިމެނެއެވެ. (ސައޫދީ މީޑިޔާ)