ކަދުރު ރުކެއް ސިފަވާ ގޮތަށް ކަނޑު ހިއްކައިގެން ދުބާއީގައި "ޕާމް އައިލެންޑް" ހެދި ކުންފުނި ރާއްޖޭގެ ތިން ރަށެއްގެ ބިން ހިއްކުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ބިންހިއްކުމަށް ޑްރެޖަރަކާއެކު ރާއްޖެ އައި ނެދަލޭންޑްގެ ވަން އޫޑް ކުންފުނިން ހިއްކުމަށް ނިންމާފައި ވަނީ ގދ. ތިނަދޫ އާއި ސ. ފޭދޫ އާއި ކ. ހިންމަފުށްޓެވެ.

ގދ. ތިނަދޫ އާއި ސ. ފޭދޫ އާއި ކ. ހިންމަފު ހިއްކުމަށް ވަން އޫޑް ކުންފުނިން ރެާއްޖެ ގެނައި ޑްރެޖަރު-- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސައިން "ސަން"އަށް މިއަދު ވިދާޅުވީ އެ ޑްރެޖަރުން ފުރަތަމަ ހިއްކުމަށް ނިންމާފައި ވަނީ ސ. ފޭދޫގެ ބިން ކަމަށާއި އެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަންގާރަ ދުވަހު ފެށޭނެ ކަމަށެވެ. އެ އަށްފަހު ތިނަދޫ ބިއްކުމަށް ނިންމާފައިވާއިރު އެއަށްފަހު ހިންމަފުށީ ބިންހިއްކުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ގދ. ތިނަދޫގައި ޖުމްލަ 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް 1852 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެ އެވެ. އޭގެ އިތުރުން ސ. ފޭދޫގައި 50 ހެކްޓަރުގެ ބިން ހިއްކުމަށްފަހު 1680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެ އެވެ. އަދި ކ. ހިންމަފުށީގައި 21.6 ހެކްޓަރުގެ ބިން ހިއްކުމަށްފަހު 890 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެ އެވެ.

ޓެންޑާ ކޮށްގެން، ވަން އޫޑް ކުންފުންނާ ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 603.7 މިލިއަން ރުފިޔާ އެވެ. ޕްރޮޖެކްޓުގެ މުއްދަތަކީ 14 މަސް ދުވަހެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ވަން އޫޑް ކުންފުންޏަކީ ދުބާއީގެ ޕާމް އައިލެންޑް ވެސް ހިއްކި ކުންފުންޏެވެ.