ދުނިޔޭގައި ނުރައްކާތެރި ބަލިތަކުގެ ސަބަބުން ޒުވާން އުމުރުގެ މީހުން މަރުވާ ވަރަށް ވުރެ ގިނައިން މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުން މަރުވާ މިންވަރު އިތުރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިން ބުނެފި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ 10 އަހަރުގެ އެކްޝަން ޕްލޭން މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނަކަން އިއުލާންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗްއޯ) އިން އާއްމުކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި އަހަރަކު 1.3 މިލިޔަން މީހުން މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވެ އެވެ. އަދި 2020 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު 1.9 މިލިޔަނަށް އަރާނެ ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ އާއްމު ކުރި ބަޔާނުގައިވާ ގޮތުން އެކްސިޑެންޓްތަކުގައި މިހާރު އަހަރަކު މަރުވަމުންދާ މީހުންގެ 90 ޕަސެންޓް މީހުންނަކީ މެދުމިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކާއި މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ މަގުމަތީގައި ހިނގާމީހުންނާއި ބައިސިކަލް އަދި ސައިކަލް ދުއްވާ މީހުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކުގައި ޒަހަމްވުމާއި މަރުވުމަކީ ސިއްހީ ބޮޑު މައްސަލައަކަށް ވެފައިވާކަން ފާހަގަކުރެވެ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2007 ވަނަ އަހަރު އެކްސިޑެންޓްތަކުގައި ޒަހަމްވި މީހުންގެ އަދަދަކީ 979 މީހުން ކަމަށް ވިޔަސް އެ އަދަދު 2009 ވަނަ އަހަރު ވަނީ 1913 އަށް އަރައިފަ އެވެ.

ރާއްޖޭގައި ވެހިކަލް ރަޖިސްޓްރީ ކުރުން އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި އެ އަދަދު އަހަރަކު 19.6 ޕަސެންޓުން ކުރިއަރާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. އެގޮތުން 2003 ވަނަ އަހަރު 15181 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ އިރު 2009 ވަނަ އަހަރު ވެހިކަލް ރަޖިސްޓްރި ކުރި އަދަދަކީ 44380 އެވެ. ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ އަށް ވެހިކަލް އެތެރެކުރުން މިހާބާރަށް އިތުރުވަމުން ދާއިރު ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަނީ 1.7 ޕަސެންޓުންނެވެ. އަދި އެއީ އާދައިގެ ވަރެކެވެ.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލޭގައި ކަމަށް ވުމުން މާލޭގެ މަގުތައް ވަނީ ސައިކަލްތަކުން ތޮއްޖެހިފައި ކަމަށާއި އެހެންވެ އެކްސިޑެންޓެއް ހިނގުމަކީ މިހާރު އެއްގޮތަކަށް ވެސް ނުހުއްޓުވޭނެ ކަމަކަށް ވަނީވެފަ އެވެ.

މަގުމަތީގެ އެކްސިޑެންޓްތަކަކީ މަދުކުރެވޭނެ ކަމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފާހަގަކުރެ އެވެ. އެގޮތުން އިނގިރޭސިވިލާތާއި ސްވިޑުން ، އޮސްޓްރޭލިއާއި ނެދަލޭންޑްސް ފަދަ ގައުމުތަކުގައި މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް 50 ޕަސެންޓަށް ދަށްކުރެވިފައިވެ އެވެ. އެގައުމުތަކުގެ ކާމިޔާބީތަކުގައިވާ އެއްގޮތް ކަމަކީ ސިޔާސީ ފަރާތްތަކުން އެއްބާރުލައިގެން އެކަމުގައި މަސަކަތްކޮށްފައި ވުމެވެ. އަދި މުޖުތަމައުގެ ހުރިހާ ފަރާތްތަކަކުން އެއްބާރުލައި ސަލާމަތްތެރިކަމުގެ ސަގާފަތެއް އުފެއްދުމެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި މީހުން މަރުވާ މިންވަރު މަދުކުރުމަށް މިއަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެކުލަވާލި އެކްޝަންޕްލޭންގެ ދަށުން ކުރާނެ ކަންތައްތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުމަށް ގާނޫނުތައް ހެދުމާއި އެފަދަ ގާނޫނުތައް ރަނގަޅަށް ހިންގުމާއި އިމަޖެންސީ ހާލަތުގައި ދެވޭ ސިއްހީ އެހީތެރިކަން މިހާރަށް ވުރެ ރަނގަޅުކުރުމެވެ.

ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުގައި މިހާރު މިފަދަކަންތައްތައް ރަނގަޅުކުރުމަށް އެކަށީގެންވާ ގާނޫނުތަކެއް ހަދައި ހިންގަމުންދަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ 15 ޕަސެންޓް ގައުމުގައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޑަބްލިއުއެޗްއޯ އިން އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް ދުނިޔޭގެ ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއްކޮށްފި ނަމަ މަގުމަތީގެ އެކްސިޑެންޓްތަކުގައި މީހުން މަރުވާ މިންވަރު ފަސްޕަސެންޓަށް މަދުކުރެވޭނެ ކަމަށް އެޖަމިއްޔާ އިން ފާހަގަކުރެ އެވެ. އެހެންވީމާ އެޕްލޭނާ އެއްގޮތަށް ހުރިހާ ގައުމުތަކަކުން ވެސް މަސައްކަތް ކުރުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.