ޕްޔޮންގްޔަންގް (މޭ 8): ގައުމަށް ނުރައްކަލެއް ނެތް ނަމަ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް އެ ގައުމުގެ ލީޑަރު، ކިމް ޖޮންގް އުން ވިދާޅުވެއްޖެ ކަމަށް ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން މިއަދު ބުނެފި އެވެ.

ހުކުރު ދުވަހު ފެށި އުތުރު ކޮރެއާގެ ވެރިކަން ކުރާ ވޯކާސް ޕާޓީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ކިމް ވިދާޅުވީ އެގައުމުން އަމަލު ކުރާނީ ޒިންމާދާރުކޮށް ކަމަށެވެ.

"ނިއުކްލިއާ ހަތިޔާރު ލިބިގެންވާ ޒިންމާދާރު ގައުމެއްގެ ގޮތުން، ނިއުކްލިއާ ހަތިޔާރު ލިބިގެންވާ އެހެން ގައުމެއްގެ ފަރާތުން އަޅުގަނޑުމެންގެ ގައުމަށް ނުރައްކަލެއް ނުވާ ނަމަ، މިޖުމްހޫރިއްޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ،" ކިމް ވިދާޅުވި ކަމަށް ކޭސިއެންއޭ ނިއުސް އޭޖެންސީން ރިޕޯޓުކުރި އެވެ.

މީގެ އިތުރުން، މީގެ ކުރިން ދެކުނު ކޮރެއާއާއި އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައިވާ އުތުރު ކޮރެއާއިން މިހާރު އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭގައިވެ އެވެ.

ބައިނަލްއަގުވާމީ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމާ ބެހޭ އިގުރާރާ ޚިލާފަށް އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފެށީ 2006 ވަނަ އަހަރެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާރުތަކުން ވަނީ އެގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. (ބީބީސީ)