ޖަރުމަން ބުންޑަސްލީގާގައި އިންގުލްޝްޓާޓް އަތުން މޮޅުވެ، ބަޔާން މިއުނިކުން ލީގު ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

ލީގުގައި ރޭ އިންގުލްޝްޓާޓްއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުމެ، ޕޮއިންޓެއް ހޯދާލައިގެން ވެސް ބަޔާން އަށް ލީގު ކަށަވަރު ކުރުމުގެ ފުރުސަތު އޮތެވެ. ރޭގެ މެޗުން ބަޔާން މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ. މިއީ ބަޔާނުން ލީގު ހޯދި 26 ވަނަ ފަހަރެވެ.

ބަޔާނުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައި ވަނީ އެ ޓީމަށް ބާކީ އެއް މެޗު އޮއްވަ އެވެ. ލީގުގައި ކުޅުނު 33 މެޗުން ބަޔާންއަށް 85 ޕޮއިންޓް ލިބިފައިވާ އިރު، 33 މެޗުން ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑްއަށް ލިބިފައި ވަނީ 77 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް ބަޔާން ލެވަކޫސަން އަށް ކުޅުނު 33 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.

ޖަރުމަން ބުންޑަސްލީގާގައި ބަޔާންއާއި އިންގުލްޝްޓާޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-1 ލަނޑުން މޮޅުވެ، ބަޔާނުން ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ --- ފޮޓޯ: އޭޕީ

އިންގުލްޝްޓާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އިންގުލްޝްޓާޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފްރޭންކް ރިބަރީއަށް މާވިން މަޓިޕް ކުރި ފައުލަކާ ގުޅިގެން ބަޔާންއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބަޔާންއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބަޔާންއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑޭވިޑް އަލަބާ ދިން ބޯޅައަކުން އިންގުލްޝްޓާޓްގެ ޕެނަލްޓީ އޭރިޔާ ބޭރުން ތޯމަސް މުލާ އުފެއްދި ހަމަލާ، ކީޕަރު ރަމަޒާން އޮޒްކާން ވަނީ ފަސޭހަކަމާ އެކު ހޯދައިފަ އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބަޔާންއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ލެވަންޑޯސްކީ ދިން ރީތި ބޯޅައެއް ހިފައިގެން އިންގުލްޝްޓާޓްގެ ޕެނަލްޓީ އޭރިޔާ ވަދެ، ކީޕަރު ކަޓުވާލުމަށް ފަހު ޑުގްލަސް ކޮސްޓާ ހަމަލާއެއް އުފައްދަން އުޅުމުގެ ތެރޭގައި އިންގުލްޝްޓާޓްގެ ޑިފެންޑަރަކު އޭނާ އަށް ހުރަސްއެޅި އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ބަޔާން އިން ވަނީ އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ޒަބީ އަލޮންސޯ ދިން ރީތި ބޯޅައަކުން ބަޔާންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް، ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން މޮރިޓްޒް ހާޓްމަންއަށް އަލޮންސޯ ކުރި ފައުލަކާ ގުޅިގެން އިންގުލްޝްޓާޓްއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. އިންގުލްޝްޓާޓްއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހާޓްމަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ބަޔާން ކުރީގައި އޮވެގެންނެވެ.

ޖަރުމަން ބުންޑަސްލީގާގައި ބަޔާންއާއި އިންގުލްޝްޓާޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-1 ލަނޑުން މޮޅުވެ، ބަޔާނުން ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ --- ފޮޓޯ: އޭޕީ

މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް، ބަޔާންއިން އިންގުލްޝްޓާޓްގެ ގޯލަށް ނުރައްކާކުރަން ފެށި އެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އިންގުލްޝްޓާޓްގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ވެސް ބަޔާންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުލާ ދިން ބޯޅައަކުން އިންގުލްޝްޓާޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑުގްލަސް ކޮސްޓާ އުފެއްދި ހަމަލާ ވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ އިތުރުން ވެސް ދެވަނަ ހާފުގައި ބަޔާން އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ ފުރަތަމަ ހާފުގައި ނުކުތް ނަތީޖާއާ އެކު އެވެ.

ބުންޑަސްލީގާގައި ރަށުން ބޭރުގައި ރޭ އެއިންޓްރަކްޓް ފްރެންކްފާޓް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ބަލިވެފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ފްރެންކްފާޓްގެ ސްޓެފަން އެއިގްނާ ކާމިޔާބުކުރި ލަނޑުން ޑޯޓްމަންޑް ބަލިވީ 1-0 ލަނޑުންނެވެ.