ލެސްޓާ ސިޓީގެ އަމިއްލަ ދަނޑު، ކިންގް ޕަވާ ސްޓޭޑިއަމްގައި އެ ކްލަބުން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފި އެވެ.

ލެސްޓާއިން ޕްރިމިއާ ލީގުގެ ތަށި އުފުލާލާފައިވަނީ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. މިރޭ ކުޅުނު މެޗަށް ނުކުތްއިރު، އެ ޓީމަށް ވަނީ ޕްރިމިއާ ލީގު ކަށަވަރުވެފަ އެވެ. މިރޭ އެވަޓަން އަތުން ލެސްޓާ މޮޅުވީ 3-1 ލަނޑުންނެވެ.

ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ: ލެސްޓާއިން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު އުފުލައިލީ އޭނާގެ އިރުޝާދުގެ ދަށުން --- ފޮޓޯ: އޭޕީ

މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. އެންޑީ ކިންގް ނަގައިދިން ހުރަހަކުން ލެސްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އެވެ.

ލެސްޓާއިން މެޗުގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އަލްޖީރިއާ ކުޅުންތެރިޔާ ރިޔާދް މަހްރޭޒްގެ ހުނަރުތައް ދައްކާލަނިކޮށް، އެވަޓަންގެ ބެއިންސް ޖެހި ޓެކަލްއާއެކު ލިބުނު ބޯޅައަކުން ލެސްޓާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކިންގް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ލެސްޓާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ލެސްޓާއަށް ލިބުނު ޕެނަލްޓީއަކުން ވާޑީ ވަނީ އެ ކްލަބުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ލެސްޓާއަށް އެ ޕެނަލްޓީ ލިބުނީ އެވަޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވާޑީއަށް މެތިއު ޕެނިންގްޓަން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ވާޑީ ކާމިޔާބުކުރި އެ ލަނޑަކީ ލީގުގައި އޭނާ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި އެންމެ ގިނަ ލަނޑުޖެހި ޓޮޓެންހަމްގެ ހެރީ ކޭންއަށް ކާމިޔާބު ކުރެވިފައިވަނީ 25 ލަނޑެވެ.

އެވަޓަން ކޮޅަށް ލެސްޓާ ކާމިޔާބުކުރި ފުރަތަމަ ލަނޑަށް ފަހު، ޖެމީ ވާޑީ(ކ) އާއި އެންޑީ ކިންގް(ވ) އުފާފާޅުކުރަނީ: ލެސްޓާއިން ޕްރިމިއާ ލީގު ތަށި އުފުލައިލީ އަމިއްލަ ދަނޑުގައި ކުޅުނު އެ މަޗަށްފަހު --- ފޮޓޯ: އޭޕީ

މެޗުގެ 71 ވަނަ މިނެޓުގައި ވެސް ލެސްޓާއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް ވާޑީ ފޮނުވާލި ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. އެ ޕެނަލްޓީ ލެސްޓާއަށް ލިބުނީ އެވަޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެފް ޝުލަޕްއަށް ޑެރަން ގިބްސަން ކުރި ފައުލަކާ ގުޅިގެންނެވެ.

އެވަޓަންއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ. އެވަޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން މިރާލާސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެވަޓަންގެ ހާފުގެ ތެރެއިން ގިބްސަން ދިން ބޯޅައެއް ހިފައިގެން ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލެސްޓާގެ ސަޕޯޓަރުން: ލެސްޓާއިން ޕްރިމިއާ ލީގު ތަށި އުފުލައިލީ އަމިއްލަ ދަނޑުގައި ކުޅުނު އެ މަޗަށްފަހު --- ފޮޓޯ: އޭޕީ

ލީގުގައި ލެސްޓާއަށް ބާކީ އެއް މެޗު އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު ދިހަ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. ލެސްޓާއަށް 37 މެޗުން 80 ޕޮއިންޓް ލިބިފައިވާ އިރު، ޓޮޓެންހަމްއަށް 36 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.