މިހާރު ރާއްޖޭގެ ސިޔާސީ ދާއިރާއިން ރައީސް އަބްދުﷲ ޔާމީނާ ވާދަކުރަން ކެރޭވަރުގެ މީހަކު ނުފެންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރުން ތަމްރީނުކުރުމަށް ބާއްވަމުންގެންދާ މަހާސިންތާ ތަކުގެ ތެރެއިން ރ. އަތޮޅުގައި ކުރިއަށްގެންދިޔަ މަހާސިންތާ ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށް ގެންދާ ތަރަށްގީގެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ބަލާލުމުންވެސް ރައީސް ޔާމީންއާ ވާދަކުރަން ކެރޭވަރުގެ މީހަކު ރާއްޖޭގައި ނެތްކަން ޔަގީންވާ ކަމަށެވެ.

ގައުމީ ވާޖިބެއްގެ ގޮތުގައި ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވަންޖެހޭ ކަމަށާއި އެނޫންނަމަ މިހާރު ފަށާފައިހުރި މަޝްރޫއުތަކާއެކު ދާނީ ފަހަތަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ ޒައާމަތުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ގައުމުގެ ތަރައްގީއަށް އެކުރައްވަމުންގެންދަވާ މިންނަތް ހިކުމަތްތެރި. ތަރައްގީގު އެކިއެކި މަސައްކަތްޕުޅުތަކުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދަކު ރާއްޖޭގައި ރައީސް ޔާމީނާ ވާދަކުރަން ކެރޭވަރުގެ މީހަކު މިއަދު ސިޔާސީ ދާއިރާއަކުން ނުފެނޭ،" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

ވަޒީރުންނާއި މެމްބަރުންނަށް ދޭންޖެހޭ ހުރިހާ ބާރަކާ އިޚުތިޔާރެއް ރައީސް ޔާމީން ދަނީ ދެއްވަމުން ކަމަށާއި އަދި "އުގަމަށް ހަރާކޯރުވެ ގައްދާރުވުމުންް" ބާރުތައް ހަނިކުރެއްވީވެސް ގާނޫނީ އިމުގެތެރެއިން ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ ހިންގުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ދައުރެއް ނިމެންވާއިރަށް ރާއްޖެ ސިންގަޕޫރަކަށް ބަދަލުވެގެންދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ވެރިއަކަށް ބޭނުންވާނީ ރައީސް ޔާމީން ކަމަށާއި އެއީ ބޭރުގައުމުތަކުން ރާއްޖޭގެ ކަންކަމާއި ބެހުނު ނަމަވެސް ގައުމާއިގެން ކުރިއަށްދާން ކެރޭ ވެރިއަކީ އެމަނިކުފާނު ކަމުގައިވާތީ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަކީވެސް ނުވަތަ އަޅުގަނޑުމެންނަކީވެސް ސާބިތުކަމާއިއެކު އަޅުގަނޑުމެންގެ ފުރިހަމަ ޝަރަފާއި އެކު ދިރިއުޅެން ބޭނުންވާ ގައުމެއް. ކޮންމެހެން ބޭރުކޮށްމެ ގައުމަކުން އައިސް އަޅުގަނޑުމެންނާ ދިމާއަށް ވާހަކަދައްކާ ވައްވައް ޖަހާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ގައުމުގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓެން ޖެހޭނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެއް އިރެއްގައި ވިޔާފާރިވެރިންނަށް މަސައްކަތުގެ ގޮތުން ކުރިއަށް ނުދެވިފައިތިބި ނަމަވެސް ކުންފުނިތަކާއި އެކިއެކި ވަސީލަތްތަށް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވޭނެގޮތްވެ މަސައްކަތުގެ މާހައުލަށް މި ސަރުކާރު އައިފަހުން މަގުފަހިވެގެން ގޮސްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެެ.

މަހާސިންތާތަކުގެ ބާނީއަކީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ކަމަށާއި އެއީ ރައީސް ޔާމީންގެ "ބެޓާ ހާފް" ކަމަށް އާދަމް ޝަރީފު މިރޭ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މެޑަމް ފާތުން އަކީ ރާއްޖޭގައި ނެތްވަރުގެ ހީވާގި ކެރޭ އަންހެން ކަނބަލެއް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއަދު އެކަމަނާއަކީ (މެޑަމް ފާތުންއަކީ) މިރާއްޖޭގައި ތިބި ވަރަށް ނިކަމެތި ބަޔެއްގެ އެހީތެރިކަމަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނަށް އަޅާލާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. ޔަތީމު ކުދިންނަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަނާއެއް. ދިވެހި ހުރިހާ އަންހެނުންނަށް އެއީ ރަނގަޅު ރީތި ނަމޫނާ މިސާލެއް" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ރ. އަތޮޅުގައި ކުރިއަށްގެންދިޔަ މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.