މޯލްޑިވް ގޭސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި މިއަދު ހުޅިވައިފި އެވެ.

ހުޅުމާލޭގައި ހުންނަ އެންސިސް މަސް ފެކްޓްރީ ކައިރީ ހުންނަ އެ ފިހާރަ މިރޭ ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރާއި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ. އެ ފިހާރައަކީ ހަތަރު ބުރިއަށް ނަގާފައި ހުންނަ ފިހާރައެކެވެ.

ފިހާރަ ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ ހުޅުމާލޭގައި މޯލްޑިވް ގޭހުގެ އިތުރު ފިހާރައެއް ހުޅުވީ މިހާރަށް ވުރެ ލުއި ފަސޭހަކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޭހުގެ ޚިދުމަތް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް ގޭހުގެ އަގު ބޮޑުނުކޮށް ޚިދުމަތް ދިނުމަށް އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު މައުމޫން ވިދާޅުވީ އެ ފުހާރަ ހުޅުވުމާ އެކު އެކުންފުނިން މާލެއަށް ދެމުން އަންނަ ހުރިހާ ޚިދުމަތެއް ހުޅުމާލެއަށް ވެސް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/މުހައްމަދު އަފްރާހު