08 May 2016, 00:25
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި ފަސޭހަކަމާއެކު ބޮޑުތަފާތަކުން އަހުމަދު ރަމްޒީ އަތުން މޮޅުވެ، އަހުސަން ހާޝިމް ޗެމްޕިއަންކަން ހޯދައިފި އެވެ.
އެމްޕީބީއޭ ކުލަބް ހައުސްގައި މިރޭ ކުޅުނު ފައިނަލު މެޗު އަހުޝަން ކާމިޔާބުކުރީ 9-4 ފްރޭމް އިން އަހުމަދު ރަމްޒީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޖުމްލަ 34 ކުޅުންތެރިންނާއެކު ފެށި އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަހުސަން އާއި ރަމްޒީ ފަސް މެޗު ކުޅުނު އިރު ދެ ކުޅުންތެރިންވެސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަހުސަން(މ) އާއި ރަނަރަޕް ރަމްޒީ(ކ) އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ސަފްވާން(ވ) --- ފޮޓޯ: އެމްޕީބީއޭ
އެ މުބާރާތުގެ ފައިނަލަށް ދެ ކުޅުންތެރިން ދަތުރުކޮށްފައިވާ ގޮތަށް ބަލާއިރު ރަނަރަޕްކަން ހޯދި ރަމްޒީ ފައިނަލުގެ ޖާގަ އެއް ހޯދީ ދެވަނަ ބުރާއި، ކުއާޓާ ފައިނަލު އަދި ސެމީ ފައިނަލުގެ މެޗުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖު އޭނާ ނިންމާލީ ޖުމްލަ ނުވަ ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއް ވަނައިގެ ގޮތުގައެވެ.
އޯޕަން 10 ބޯލު މުބާރާތުގެ ފައިނަލަށް އަހުސަން ދަތުރުކުރީ ދެވަނަ ބުރާއި، ކުއާޓާ ފައިނަލު އަދި ސެމީ ފައިނަލުގެ މެޗުން މޮޅުވެގެންނެވެ. ސެމީގައި އޭނާ ވަނީ އެންމެ ފަހު ދެ އަހަރުގެ ރަނަރަޕް ދުންޔާޒް މުހައްމަދު ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖު އޭނާ ނިންމާލީ ޖުމްލަ ނުވަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއް ވަނައިގެ ގޮތުގައެވެ.
އެމްޕީބީއޭ އިން މިއަހަރާއި މިދިޔަ އަހަރު ބޭއްވި އޯޕަން ނައިން ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް އަހުސަން ކަން ފާހަގަކޮށްލެވެ އެވެ.
އޯޕަން 10 ބޯލު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮފްވާން ޝާކިރު އެވެ.