ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ވެބްސައިޓަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭގެ ސީނިއާ މެނޭޖަރު މަންސޫރު ޒުބައިރު މިރޭ ސަން އަށް ވިދާޅުވީ އެއްފަހަރާ ގިނަ ބަޔަކު ސައިޓަށް ވަދެ އުޅޭނަމަ ބައެއް ފަހަރަށް ސައިޓު ޑައުންވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ވެބްސައިޓު ހެކްކުރުން ފަދަ ކަމެއް ދިމާވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްފަރާ ގިނަ ބަޔަކު ވަންނަ ކަމުގައިވާނަމަ ވެބްސައިޓު ޑައުންވުމަކީ އެކަށީގެންވާ ކަމެއް. އެއީ އެމްއެމްއޭގެ ވެބްސައިޓެއް ނޫން ހުރިހާ ވެބްސައިޓުތަކަކަށް ވެސް ވެދާނެ ގޮތެއް،" މަންސޫރު ވިދާޅުވި އެވެ.

ދުނިޔޭގެ ހެކަރުންގެ ދެ ގްރޫޕު ކަމުގައިވާ، އެނޯނިމަސްއާއި ގޯސްޓް ސްކޮޑް ގުޅިގެން، އެކި ގައުމުތަކުގެ ބޭންކުތަކުގެ ވެބްސައިޓުތައް ބަންދު ކުރުވުމަށްޓަކައި ފަށާފައިވާ އޮޕަރޭޝަނެއްގެ ދަށުން އެމްއެމްއޭގެ ވެބްސައިޓު ހެކް ކޮށްފައިވާ ކަމަށް ހެކްރީޑް ޑޮޓް ކޮމްގައި މިރޭ ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ދުނިޔޭގެ ބޭންކިން ސިސްޓަމާ ދެކޮޅަށް އެ ގްރޫޕުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެ ވެބްސައިޓުގައި ރިޕޯޓުކޮށްފައި ވެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ އެކައުންޓު އެ ގްރޫޕުން ހެކްކޮށްފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ވަނީ ރިޕޯޓުކޮށްފައެވެ.