10 May 2011, 09:10
ޝަރުއީ ދާއިރާގެ ކޮންމެ ނިންމުމަކީ ވެސް ގައުމަށް ވަރަށް މުހިންމު ނިންމުމެކެވެ. ޝަރުއީ ދާއިރާގެ ނިންމުންތައް ގާނޫނާ ހިލާފްވާ ނަމަ އެކަމެއް ވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ނަމަ ގައުމުގެ މަސްލަހަތަށް ވެސް އޭގެ އަސަރު ފޯރާނެތީ އެވެ. އެކަމަކު މިފަހަކަށް އައިސް ޝަރުއީ ދާއިރާގެ އެންމެ މަތީ މަރުހަލާއިން ފެށިގެން އެންމެ ދަށް ފަންތިއަށް ބެލި ކަމުގައިވީ ނަމަވެސް އެފަރާތްތަކުގެ ނިންމުންތަކުގައި ފާޑުކިޔޭނެ ކަންތައްތަކެއް އެބަހުއްޓެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ވިލިމާލޭގައި ކޯޓެއް ގާއިމް ކުރުމަކީ ވެސް ޝަރުއީ ދާއިރާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ކޯޓުތަކުގެ ގާނޫނު ފާސްވުމާ ގުޅިގެން މަސައްކަތް ހުއްޓާލާފައި އޮތް ހުޅުމާލޭގެ ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި ވިލިމާފަންނުގައި ވެސް އިތުރު ކޯޓެއް ގާއިމް ކުރުމަށެވެ. އަދި އިއްޔެ ހުޅުމާލޭ ކޯޓް ވަނީ ރަސްމީކޮށް އަލުން ހުޅުވައި މަސައްކަތް ކުރިއަށް ގެންދަން ފަށައިފަ އެވެ.
ގާނޫނީ މާހިރުންގެ ތެރޭގައި ޖޭއެސްސީގެ އެ ނިންމުމާމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެއް ބަޔަކު ބުނަނީ ސުޕީރިއާ ހަތަރު ކޯޓުގެ ޑިވިޝަންތައް މާލޭގައި ގާއިމްކޮށްފައިވާއިރު މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި ކޯޓެއް ހިންގުމަކީ ގާނޫނު ހުއްދަ ކުރާ ކަމައް ނޫން ކަމަށެވެ. އެކަމަކު ޖޭއެސްސީން ބުނަނީ އެއީ ގާނޫނު ހުއްދަ ކުރާ ކަމެއްގެ އިތުރުން އެ ކޮމިޝަނަށް ކުރުން ލާޒިމް ވެސް ކަމެއް ކަމަށެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި މި މައްސަލަ ދިރާސާ ކުރައްވާ ގާނޫނީ ވަކީލެއް ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ހުޅުމާލެ އަދި ވިލިމާލޭގައި ޖޭއެސްސީން ކޯޓު ހިންގުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސުޕީރިއާ ކޯޓުތައް ކަމަށްވާ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓު އެ ރަށެއްގައި ގާއިމްވެއްޖެ ނަމަ އެ ރަށެއްގައި ހުރި މެޖިސްޓްރޭޓް ކޯޓް އުވިގެންދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ހުޅުމާލޭ ކޯޓުގެ މަސައްކަތް ހުއްޓާލާފައި އޮތީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމާ ބެހޭ ގާނޫނަށް ބެލި ނަމަވެސް އަދި ކޯޓުތަކުން ނިންމާފައި ހުރި ގާނޫނީ ނިންމުންތަކަށް ބެލި ނަމަވެސް ހުޅުމާލެ އާއި ވިލިގިއްޔާއި މާލެއަކީ އެއް ރަށެއް، ވަކި އަވަށްތަކެއް،" ވަކީލު ވިދާޅުވި އެވެ. "އެހެންވީމަ ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތް ގޮތަށް މާލޭގައި ސުޕީރިއާ ހަތަރު ކޯޓު މިއޮތީ ގާއިމްވެފައި. ދެން މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި އިތުރަށް މެޖިސްޓްރޭޓް ކޯޓެއް ގާއިމެއް ނުކުރެވޭނެ."
ވަކީލު ވިދާޅުވީ ހުޅުމާލެ އާއި ވިލިނގިލީގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ނުކުރެވޭނެ ކަމީ ވަރަށް ގާނޫނީ ގޮތުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތައް ގާއިމް ކުރުމަށް ޖޭއެސްސީން ނިންމާފައި އެ ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަކީލު އެހެން ވިދާޅުވި ނަމަވެސް ޖޭއެސްސީން އެ ކޮމިޝަނުގެ ނިންމުމަކަށް ޝައްކެއް ނުކުރައްވަ އެވެ. އަދި ހުޅުމާލެ އާއި ވިލިނގިލީގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމް ކުރެވޭނެ ކަމުގެ ވަރުގަދަ ހެކިތައް ދެއްކެވި އެވެ.
"ކޯޓުތަކުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައި ވަނީ މި ގާނޫނުގެ ދަށުން ހަތަރު ސުޕީރިއާ ކޯޓް [ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓް] ގާއިމްވެފައިވާ މާލެ އާއި އެ ކޯޓުތަކުގެ ހަތަރު ޑިވިޝަން ހަމަވެފައިވާ ރަށްތައް ފިޔަވައި ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށް،" ޖޭއެސްސީގެ މީޑިޔާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮތުމުން ސުޕީރިއާ ކޯޓުތަކުގެ ހަތަރު ޑިވިޝަން ހަމަނުވާ ނަމަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށެވެ. އަދި ހުޅުމާލެ އާއި ވިލިގިއްޔަކީ ވެސް އެގޮތުން އިސްތިސްނާވާނެ ރަށްތަކެއް ނޫން ކަމަށް ޒަހީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލެއަކީ ވަކީ އިދާރީ ދާއިރާއެއް ކަމަށާއި އެ އިދާރީ ދާއިރާގައި ހިމެނޭ އަނެއް ދެ ރަށަކީ ހުޅުމާލެ އާއި ވިލިނގިލި ކަމަށެވެ.
"ކޯޓުތަކާ ބެހޭ ގާނޫނުގެ 67 ވަނަ މާއްދާގައި ބުނެފައި އޮންނާނެ އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނު އަސާސީގައި ބުނާ ކޮންމެ އިދާރީ ދާއިރާއަކަށް ވަކި ޖުޑީޝަލް ދާއިރާއެއް އުފެދުނީ ކަމަށް ބަޔާންކޮށްފައި،" ޖޭއެސްސީގެ މީޑިޔާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވި އެވެ. "ގާނޫނު އަސާސީގެ ޖަދުވަލް ދޭއްގައި އިދާރީ ދާއިރާތައް ކަނޑައަޅާފައިވާއިރު މާލެއަކީ ވަކި އިދާރީ ދާއިރާއެއް. އެ ދާއިރާގެ ތެރޭގައި ހުޅުމާލެ އާއި ވިލިނގިލި ވެސް ހިމެނޭނެ."
އެކަމުގެ މިސާލު ޖައްސަވަމުން ޒަނީން ވިދާޅުވީ މ. އަތޮޅަކީ ވެސް ވަކި އިދާރީ ދާއިރާއެއް ކަމަށެވެ. އެކަމަކު އެ އިދާރީ ދާއިރާގައި އެހެން ރަށްތައް ވެސް ހުރުމުން އެއިން ކޮންމެ ރަށެއްގައި ވެސް މެޖިސްޓްރޭޓް ކޯޓެއް ހުންނަންޖެހޭ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް ވެސް ރަނގަޅެވެ. އަދި ދެކޮޅަށް ގާނޫނީ ހެކިތައް ވެސް ވަނީ ދައްކައިފަ އެވެ. އެކަމަކު މިއީ މިހާރު ސިވިލް ކޯޓުގައި ހިނގަމުން ވެސް ދާ މައްސަލައެކެވެ. އެހެންކަމުން މިކަމުގައި އެންމެ އިންސާފުވެރި ގޮތް އެނގޭނީ ކޯޓުން ނިޔާ ކަނޑައެޅުމުންނެވެ.