ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ އެސްޓީއޯ ފިއުލް ސްޓޭޝަނުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެކުގައި ނިންމާލެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ މޯލްޑިވް ގޭސްގެ އާ އިމާރަތް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ، އެ މަސައްކަތް ލަސްވީ ބިން ހަމަނުޖެހިގެން ކަމަށާއި ނަމަވެސް މިހާރު ބިން ހަމަޖެހި، ކޮންޓްރެކްޓަރު ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މަސައްކަތް ހަވާލު ކުރި ފަރާތުގެ މައުލޫމާތު އަދި ހިއްސާކޮށްފައި ނުވި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ފިއުލް ސްޓޭޝަނުގެ މަސައްކަތް އެއްކޮށް ނިމި، މާލޭއާ އެއް އަގެއްގައި ހުޅުމާލެ އިން ވެސް ޕެޓްރޯލާއި ޑީސެލް ލިބޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"ފިއުލް ސްޓޭޝަނުގެ މަސައްކަތް މިއަދާ ހަމައަށް ވެސް ވަނީ ނުފެށިފައި. އަޅުގަނޑުމެންނަށް ވަރަށް ފަހުން އެތަން ހަދަން ބޭނުންވާ ބިން ލިބުނީ. ބިން ލިބުމާ އެކު މިހާރު ވަނީ ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލު ކޮށްފައި. އިރާދަކުރެއްވިއްޔާ މި އަހަރު ނިމެން ވާއިރަށް މިކޮޅުގައި ފިލިންގ ސްޓޭޝަން ހަދައި، ޕެޓްރޯލް އަދި ޑީސެލް ހުޅުމާލެއިން ލިބޭނެ ގޮތް ހަމަޖައްސާނަން،" ޝަހީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ގޭސް ސްޓޯކޮށް، ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާކުރުމަށް މަޝްރޫއުތަކެއް ރާވައިފާކަން ޝަހީރު ވަނީ ހާމަ ކުރައްވައިފަ އެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ފިލިންގް ސްޓޭޝަނަކާ އެކު ގޭސް ސްޓޯރޭޖެއް ގާއިމު ކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.