ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީއަށާއި، ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ)އަށް، ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯޝިޕް ލިބިވަޑައިގެންފި އެވެ.

ރޯޔަލް އިންސްޓިޓިއުޝަނަކީ، އިލްމީ، ޕްރޮފެޝަނަލް ބޭފުޅުންނާއި، ދުނިޔޭގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ ލީޑަރުންނާއި، ވިޔަފާރިވެރިން މެމްބަރުންގެ ގޮތުގައި ހިމެނޭ، އެކްރެޑިޓިން ޖަމިއްޔާއެކެވެ. އެ ޖަމްއިއްޔާގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމުން، ޖަމްއިއްޔާގެ ފަރާތުން އެ މީހަކަށް ގްލޯބަލް ރިކޮގްނިޝަން ހޯދައިދެ އެވެ.

މިއަދު މާލޭގެ ހޮޓެލް ޖެންގައި އޮތް، ރޯޔަލް އިންސްޓިޓިއުޝަންގެ ހަތްވަނަ ގްލޯބަލް ކޮންގްރެސްގައި، ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީއަށް އަރުއްވާފައި ވަނީ، ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަން އޮފް ޖާނަލިސްޓްސްގެ ސީނިއާ ފެލޯގެ މަގާމެވެ. ސިނާންއަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ސަން އޮންލައިންގެ ޗީފް އެޑިޓަރ އަހްމަދު ޒާހިރު (ހިރިގާ)އަށް ލިބިވަޑައިގެންފައި ވަނީ، ރޯޔަލް އިންސްޓިޓިއުޝަން އޮފް ޖާނަލިސްޓްސްގެ ފެލޯ ކަމެވެ. އޭގެ އިތުރުން، ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު އޮފް ސޭލްސް އެންޑް މާކެޓިން އަދި ހެޑް އޮފް ޕްރޮގްރާމްސް މިންހާ ފާއިޒަށް ވަނީ، ރޯޔަލް އިންސްޓިޓިއުޝަން އޮފް މާސް ކޮމިއުނިކޭޝަންގެ ސީނިއާ މެމްބަރުކަން ލިބިވަޑައިގެންފަ އެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހްމަދު ޒާހިރަށް ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯޝިޕް ލިބިވަޑައިގަންނަވަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ސަން މީޑިއާ ގްރޫޕުގެ ހެޑް އޮފް ޕްރޮގްރާމްސް މިންހާ ފާއިޒަށް ވަނީ ރޯޔަލް އިންސްޓިޓިއުޝަންގެ ސީނިއާ މެމްބަުރކަން ލިބިވަޑައިގެންފައި -- ސަން ފޮޓޯ/ފަޔާޒް މޫސާ

ރޯޔަލް އިންސްޓިޓިއުޝަންގެ ރީސާޗް ފެލޯގެ މަގާމު ތިން ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. އެއީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކުރީގެ ހެލްތު މިނިސްޓަރު އަދި އިންސްޓިޓިއުޓް ފޯރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ޗެއާމަން އަދި ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ މަރިޔަމް ޝަކީލާއާއި، ފިނޭންސް މިނިސްޓަރުގެ ނައިބު ޑރ. އާއިޝަތު މުނީޒާ އެވެ.

އައިސީޕީގެ ޗެއާމަން އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ -- ސަން ފޮޓޯ/ފަޔާޒް މޫސާ


ޑރ އާއިޝަތު މުނީޒާއަށް ފެލޯޝިޕް ލިބިވަޑައިގަންނަވަނީ -- ސަން ފޮޓޯ/ފަޔަޒް މޫސާ

މީގެ އިތުރުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނާ އަކިލޭޝް މިޝްރާއަށް ވެސް ވަނީ ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯޝިޕް ލިބިވަޑައިގެންފަ އެވެ.