ދިވެހިރާއްޖެ އަކީ ހަމައެކަނި މުއްސަނދި ވިޔަފާރިވެރިންނާއި ސެލެބްރިޓީންގެ މަންޒިލެއް ނޫން ކަމަށް އެމްޑީއޭ ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުގެ ހަތްވަނަ ގްލޯބަލް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެންމެނާ ވެސް ހިއްސާކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ކޮންމެ މީހަކުވެސް ރާއްޖެ އަންނަން. ރާއްޖޭގެ ރީތިކަން ދެކިލަން. މިއީ ހަމައެކަނި ސެލެބްރިޓީންގެ މަންޒިލެއް ނޫން. އާދައިގެ މީހުންވެސް ރާއްޖެ އައުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އެ ހުވަފެން ހަގީގަތަކަށް ވުމުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް އެދެވޭ ރަނގަޅު ބަދަލެއް އަންނަމުންދާ ކަމަށެވެ.

އެގޮތުން ކުރިން ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ޔޫރަޕުގެ ގައުމުން ތަކުން ނަމަވެސް، މިހާރު އެންމެ ގިނަ ބަޔަކު އަންނަނީ އޭޝިޔާ ސަރަހައްދުން ކަމުގައި ކަމަށް ސިޔާމް ފާހަގަ ކުރެއްވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވުމުން ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"ރާއްޖޭގެ އިގްތިސޯދު ބިނާވަނީ ފަތުރުވެރިކަމުގެ މައްޗަށް. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވަމުން މި އައީ ރާއްޖޭގެ ރީތިކަމުގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް އަދި ނިންމާ ނިންމުމަކީވެސް ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް ކުރެވޭ ކަމަކަށް ވާން ޖެހޭނެ،" ސިޔާމް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ މައުލޫމާތުގެ އަލީގައި ދަތުރުތައް ރާވާ ފަތުރުވެރިން ވަރަށް ބޮޑުތަން އިތުރުވަމުން އަންނަކަން ސިޔާމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އެގޮތުން ގައުމުން ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ ތެރެއިން ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދަތުރުތައް ހޯދައި، ހުރުމުގެ ކަންކަން ހަމަޖައްސާ މީހުންކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.