08 May 2016, 09:18
"ދަރިފުޅު އެއްވެސް ވަރަކަށް ބަހެއް ނާހާ، އޭނަ ގޮވައިގެން ތަނަކަށް ދިޔަސް ލަދުން ހަލާކުވާވަރުވޭ، ފޫކޮޅުގައި ކައްޓެއް އިނދެގެން އުޅޭހެން ހީވަނީ، މަޑަކުން ނުހުރޭ ކޮންމެ ވަގުތަކު ވެސް، ވަރަށް ހަލަބޮލި، ބުނާ އަޑެއް ނާހާ، ނުވެއް ކިޔަވާ، ކިތަންމެ ވަރަކަށް ކިޔައިދިނަސް ނުވިސްނޭ،" މިއީ ބައެއް ބެލެނިވެރިންގެ ވަރަށް ވެސް ބޮޑު ޝަކުވާއެކެވެ. ބައެއް ބެލެނިވެރިންނަށް ގަބޫލު ކުރެވެނީ ދަރިފުޅު ވިޔާނުދަނީ ކަމަށެވެ. ނަމަވެސް ހަގީގަތް އެނގޭހެއްޔެވެ؟
ގިނަ ކުޑަކުދިންނަކީ އެކުދިންގެ މިޒާޖުގައި ވެސް ސަކަބައެކެވެ. ސަކަރާތް ބޮޑުބައެކެވެ. ބުނާބަސް ނާހާފަހަރު ވެސް އަންނާނެ އެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން އިންތިހާއަށް ބޮޑު ނަމަ އެއީ މައްސަލައެކެވެ. މިސާލަކަށް ކިޔައިދޭ ވާހަކަތައް ނުވަތަ ފިލާވަޅުތައް އެއްވެސް ވަރަކަށް ދޭހަނުވުމާއި އެއްވެސް ވަރަކަށް މަޑުން ނުހުންނަ ނަމަ އެއީ މައްސަލައެކެވެ.
ނަފްސާނީ އިލްމުވެރިން އެކަމަށް ކިޔަނީ އެޓެންޝަން ޑެފެސިޓް ހައިޕާއެކްޓިވް ޑިސްއޯޑާ(އޭޑީއެޗްޑީ) އެވެ. އެއީ އުފެދުމުގައި ކުއްޖާ އަށް ކުރިމަތިވާ މައްސަލައެކެވެ. ނިއުރޯ ޑެވެލޮޕްމެންޓް ޑިސްއޯޑާ އެކެވެ. އެ އަލާމާތްތައް ފެންނާނީ އެކުއްޖާގެ އުމުރުން 12 އަހަރުގެ ކުރިންނެވެ.
އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ނަފްސާނީ ޑޮކްޓަރު ޑރ. ބައްޝާރު އަބްދުﷲ ވިދާޅުވި ގޮތުގައި އެއީ ދެ ޖިންސުގެ ކުދިންނަށް ވެސް ޅަފަތުގައި ދިމާވާ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ދުނިޔޭޭގެ ނިސްބަތުން ވެސް ކުދިންނަށް އެންމެބޮޑަށް ދިމާވާ މައްސަލައަކީ އެއީ ކަމަށާއި ރާއްޖޭގައި ވެސް އެކަން ވަރަށް އިތުރު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނަފްސާނީ ޑރ. ބައްޝާރު ސަންއަށް އިންޓަވިއޫދެއްވަނީ-- ސަން ފައިލް ފޮޓޯ
އޭޑީއެޗުޑީގެ ތިން ވައްތަރެއް އުޅޭ:
ސަމާލުކަން ނުދެވުން:
އެފަދަ ކުދިންނަށް ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވާނެ އެވެ. އެގޮތުން ބޮޑަށް ސަމާލުކަންދީގެން ކުރަން ޖެހޭ ކަންކަން ކުރަން އެކުދިން ފޫހިވާނެ އެވެ. މިސާލަކަށް ސްކޫލުން ދޭ ފިލާވަޅުތައް ހެދުމަށް އެކުދިން ފޫހިވާނެ އެވެ. މާގިނައިން ފިލާވަޅެއް ނުހެދޭނެ އެވެ. ކުލަ ޖައްސަން ދީފި ނަމަ އެހެންމިހެން ކުލަޖައްސާފައި އެކުދިންދާނީ އެވެ. ކިޔަވަން އުނދަގޫވާނެ އެވެ. އެއީ އެކަމަށް ސަމާލުކަންދީ ކުރަންޖެހޭތީ އެވެ.
ހަމައެހެންމެ އެފަދަ ކުދިންގެ އަތުން އެއްޗެތި ގެއްލުމުގެ މައްސަލަ ވަރަށް ބޮޑެވެ. ސްކޫލަށް ގެންދާ ބައެއް ތަކެތި އަނބުރާ ގެއަކަށް ނުގެންނާނެ އެވެ. ކުޅެންގެންގުޅޭ އެއްޗެތި ވެސް އެކުއްޖަކު އެގެންގުޅިފައި މިނެޓެއްގެ ފަހުން އަނެއްކާ އެހެންއެއްޗެއް ގެއްލިގެން އުޅޭނެ އެވެ.
އެފަދަ ކުދިންނަށް ނަސޭހަތެއްދޭ އިރު ނުވަތަ އެ ކުއްޖަކާ ވާހަކަ ދައްކާ އިރު އެ ދައްކާ ވާހަކައާ އަޅާނުލައި އެހެންކަމަކަށް ސަމާލުކަން ދީގެން އެފަދަ ކުދިން ތިބޭނެ އެވެ. އިށީނދެ އިންނައިރު ވެސް އިންނާނީ ހިޔާލީ ހުވަފެނެއްގެ ތެރޭގަ އެވެ. ބައްޕަގެ ގަޑިޔަށް ބަލައިގެން ހިޔާލީ ދުނިޔެއެއްގައި އިނދެދާނެ އެވެ. އެފަދަ ކުދިންގެ ސަމާލުކަން ހޯދަން ޖެހޭނީ ގޮވާލައިށެވެ.

އިންތިހާއަށް ހަލަބޮލިވާނެ:
އެފަދަ ކުދިން އާދަޔާ ހިލާފަށް ވަރަށް ހަލަބޮލިވާނެ އެވެ. ހޭލާ އުޅެންޏާ އަބަދުހެން އުޅޭނީ ދުވެލަ ދުވެލަ އެވެ. ތަނަކު މަޑަކުން ނުހުންނާނެ އެވެ. ތަނަކު އިށީނދެ އިނުމަކީ އެ ކުއްޖަކަށް ވާނެކަމެއް ނޫނެވެ. އެއީ ގެ ކަމުގައި ވިޔަސް އަދި ހޮސްޕިޓަލެއް ކަމުގައި ވިޔަސް ނުވަތަ ރެސްޓޯރެންޓެއް ވިޔަސް އެކުއްޖާ އުޅޭނީ ހަމަ އެހަލަނިކަންމަތީ އެވެ. އަބަދުވެސް ތަންތަނަށް އަރާ ހަދާނެ އެވެ. އިށީނދެ އިނުމަކީ އޭނާ އަށް އުނދަގޫކަމެކެވެ. ހަމައެހެންމެ ޖެހިލުމެއްނެތި ކޮންމެކަމެއް ވެސް ކޮށްފާނެ އެވެ. ނަމަވެސް އެކަން ކުރެވުނީމާ ފަހުން ވަރަށް ދެރަވެގެންއުޅޭނެ އެވެ.
އެދެކަންތައް ވެސް އެކުގައި ފެންނަ ކުދިން:
އެބަލީގެ ތިން ވަނަ ވައްތަރަކީ އެ ދެ ކަންތައް އެކީގައި ދިމާވާ ކުދިންނެވެ. އެފަދަ ކުދިން ސަމާލުކަން ދިނުމުގައި މައްސަލަތައް ކުރިމަތިވާ އިރު ކުރިން ފާހަގަކުރި ގޮތަށް އިންތިހާއަށް ހަލަބޮލިވާނެ އެވެ.

އާންމު އަލާމާތައް:
ކަންތައްތައް ހަނދާންނެތޭލެއް އަވަސް ވުމާއި އެއްކަމެއް ކުރަން އުޅެ އެކަން ނުނިންމައި ބައިވަރު ކަންތައްތަކެއް ކުރަން ފެށުން ހިމެނެ އެވެ. މީހުން ދައްކާ ވާހަކައަކާ ނުވުމާއި ހިޔާލަކަށް ގެއްލިފައިއިނުން ހިމެނެ އެވެ. ހަމައެހެންމެ އެއްތަނެއްގައެއް ނުހުރެވޭނެ އެވެ. ވާހަކަ ނުދައްކާ ހުންނާށޭ ބުނުމުން ނުހުރެވޭނެ އެވެ.
ދެނެގަންނަން ވަކި ޓެސްޓެއް ނެތް!
އިންސްޓިޓިއުޓް ފޯ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ ކުދިން ދެނެގަތުމަށް ވަކި ހާއްސަ މެޑިކަލް ޓެސްޓްތަކެއް ނުހުރެ އެވެ. ސައުދާ ވިދާޅުވި ގޮތުގައި އެފަދަ ކުދިން ދެނެގަތުމަށް ތެރަޕިސްޓުން އެކުއްޖާގެ ބެލެނިވެރިންގެ ހާޒިރުގައި އެ ކުއްޖާގެ އުޅުމާއި ވިސްނުމާއި ފިކުރު އެސެސްސްމަންޓް ހަދާނެ ކަމަށެވެ.
"ކުއްޖާގެ އުޅުން ހުންނަގޮތާއި މަސައްކަތް ދީގެން އޭނާ އަށް އެ މަސައްކަތް ނިންމެނީ ކިހާއިރަކުންތޯ، އޭނާ އިށީނދެ އިންނަނީ ކިހާއިރަކުތޯ ބަލާފައި ޑައިގްނޯސްކުރިޔަސް ކުރާނީ." ސައުދާ ވިދާޅުވި އެވެ. "ބޭސް ނުދޭށޭ ދިރާސާތަކުން ދައްކަނީ، އެހެންވީމާ ބިހޭވިއާ ތެރަޕީ ދީގެން ހައްލުކުރުން ރަނގަޅީ."
ނަފްސާނީ ޑޮކްޓަރު ބައްޝާރު ވިދާޅުވި ގޮތުގައި އޭޑީއެޗްޑީ ދިމާވާ ހުރިހާ ކުދިންނަކީ ބޭސް ދޭން ޖެހޭ ކުދިންނެއް ނޫނެވެ. އޭގެ ތެރެއިން ބޭސް ދޭން ޖެހޭނީ ވަރަށް ބޮޑަށް އެ މައްސަލަ ދިމާވާ ކުދިންނަށް އެކަނި ކަމަށް ބައްޝާރު ވިދާޅުވި އެވެ.

ބޭސް ނުދީ ދެން ޖެހޭނީ ކައުންސިލިން ދީގެން އެކުދިންނަށް ފަރުވާ ދޭންށެވެ. ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ސައުދާ ވިދާޅުވި ގޮތުގައި ކުއްޖާގެ އުޅުން އިސްލާހުކުރުމަށް "ބިހޭވިއާ ތެރަޕީ" ދޭއިރު ބެލެނިވެރިޔާއަށް ވެސް ހާއްސަ ތަމްރީނުތަކެއްދެ އެވެ.
ބިހޭވިއާ ތެރަޕީއާ އެކު ކުއްޖާ ގޮނޑީގައި ގިނައިރު އިންނާނީ ކިހިނެއް ކަމާއި ކުރަން ބޭނުންވާ ކަމެއްނުކޮށް ކެތްކުރާނީ ކިހިނެއްކަން އެކުދިންނަށް ބުނެދެވޭނެ ކަމަށް ސައުދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ތެރަޕީތައް ދިނުމުން އެކުދިންގެ އުޅުމަށް އިސްލާހީ ބަދަލުތައް އަންނާނެ ކަމަށެވެ.
"ފަރުވާއާ އެކު ކުދިން އިމްޕުރޫވެ ކުރެވޭނެ، އެކުދިންގެ ކަންތައްތައް އިމްޕުރޫވެ ކުރެވިފައި ހުންނާނީ." ސައުދާ ވިދާޅުވި އެވެ.
މުޖުތަމައުގެ ތެރެއިން އެކުދިންނަށް ގޮންޖެހުންތަކެއް އެބަހުރި!
ހަލަބޮލިކޮށް އުޅޭ ކުދިންނަކީ ވިޔާނުދާ ކުދިންކަމަށް މަދުން ނަމަވެސް މީހުން ގަބޫލު ކުރުމަކީ އެފަދަ ކުދިންނަށްދިމާ ގޮންޖެހުމެވެ. ހަމައެއާ އެކު މިހާރުގެ ސްކޫލުތަކަށް ބަލާއިރު އެފަދަ ކުދިންނަށް ގޮންޖެހުންތައް ހުރި ކަމަށް ނަފްސާނީ ބައްޔަށްފަރުވާދޭ ފަރާތްތަކުން ބުނެ އެވެ.
"ސީޓްގައި ހަމަ އިށީނދެ އިންނަން ޖެހޭނޭ، ވާހަކަ ދައްކައިގެން ނުވާނޭ، ޓީޗަރާއި ދިމާލަށް ބަލަންޖެހޭނޭ، ގޮނޑީގައި އިންނައިރު ވެސް ވަކި ގޮތަކަށްށޭ އިށީނދެ އިންނަން ޖެހޭނީ، މިއީ މިފަދަ ބަލިތައް ދިމާވެފައިވާ ކުދިންނަށް ވަރަށް ދަތިކަމެއް." ނަފްސާނީ އިލްމުވެރިއަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުން އެފަދަ ކަންކަމަށް ހޭލުންތެރި ކުރުވި އެކުދިންނަށް އަޅާލާ ބަޔަކަށް ޓީޗަރުން ވާން ޖެހޭ ކަމަށެވެ.
ސްކޫލު މާހައުލުގައި އެފަދަ ކުދިންނަށް ފުރުސަތު ދިނުމަށް ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އާތިފް ވިދާޅުވީ އެފަދަ ކުދިންނަށް އަމާޒުކޮށްގެން ހާއްސަ ކަންތައްތަކެއް ސްކޫލުތަކުގެ ތެރޭގައި ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ކިޔަވައިދެމުން އެކުދިންގެ ހަކަތަ ދަށްކުރުމަށް އެކުދިންލައްވައި ކުލާސް ވަށާ ހިންގުވުމާއި ދުވެލުމާއި ފުންމުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
"ކުލާސްމާހައުލަށް އައީމަ އަޅުގަނޑުމެން ބޮޑަށް ވިސްނާފައި ހުންނާނީ އެކުދިންގެ ހަކަތަ ދުއްވާލެވޭ ފަދަ ހަރަކާތްތަކެއް ދެގަޑި ދޭތެރޭ ބޭއްވޭތޯ،" އާތިފް ވިދާޅުވި އެވެ.
އެފަދަ ކުދިންނަށް އަމާޒުކޮށްގެން ހަރަކާތްތައް ހިންގާ އިރު އެހެން ކުދިންނާއި ހިލާފަށް ވަގުތު ކުޑަކޮށް ހަރަކާތްތައް ހިންގަމުން އަންނަ ކަމަށާއި ހަމައެހެންމެ ސްކޫލުގައި ހޭދަކުރަން ޖެހޭ މިންވަރު ވެސް އެކުދިންނަށް ކުޑަކޮށްދޭ ކަމަށް އާތިފް ވިދާޅުވި އެވެ. އެފަދަ ކުދިންނާ ދޭތެރޭ އަމަލުކުރާނެ ގޮތް ސްކޫލުތަކުގެ ޓީޗަރުންނަށް ބުނެދީ ޓީޗަރުން ތަމްރީނު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަލަބޮލިކޮށް އުޅޭ ކޮންމެ ކުއްޖަކީ އޭޑީއެޗްޑީ ކުއްޖަކަށްނުވެދާނެ އެވެ. ނަމަވެސް އުމުރުން 12 އަހަރުގެ ކުރިން ހަލަބޮލިކަން އިންތިހާއަށް އިތުރުވެގެންދާ ނަމަ ނުވަތަ ކަންކަމަށް މާބޮޑަށް ސަމާލުކަން ނުދެވޭ ނަމަ ސިއްހީ ފަރުވާދޭ ފަރާތެއްގެ ލަފާހޯދުން ރަނގަޅެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އެއީ ބައްޔެއްކަމަކަށްނުދެކެ އެވެ. އެއީ ކުއްޖާ އުފެދުމުގައި ދިމާވާ މައްސަލައކެވެ. ލަސްނުކޮށް ފަރުވާހޯދާށެވެ.
----------------------------------------------------------------------------
މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ ފަންނީ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.