07 May 2016, 17:27
ޗެލްސީގެ ކޯޗުކަމުގައި ހުރިނަމަ، ހިތުން ވިންދެއް ޖަހާލާ ތަނުން ރޯމާގެ ރަޖާ ނައިންގޮލާން ހޯދާނެ ކަމަށް ޕޮލެންޑް ގޯލްކީޕަރު ވޮޖްސިއެޗް ސްޒެސްނީ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން ރޯމާގެ ބެލްޖިއަމް މިޑްފީލްޑަރު ނައިންގޮލާން ގެންނާނެ އެވެ.
ޗެލްސީގެ ކޯޗެއްގެ ގޮތުގައި އެ ވިސްނުން ގެންގުޅޭނެ ކަމަށް އާސެނަލްއިން ލޯނުގެ ދަށުން ރޯމާއަށް ކުޅެމުންދާ ސްޒެސްނީ ބުނި ނަމަވެސް، އަންނަ ސީޒަނުގައި ވެސް ނައިންގޮލާން ރޯމާގައި ހުންނާނެ ކަމަށް ސްޒެސްނީ އުންމީދުކުރެ އެވެ.
"އިނގިރޭސި ފުޓްބޯޅައަށް އޭނާއަށް ގުޅޭނެ. އޭނާއަކީ ފިޒިކަލީ ގޮތުން ވެސް ވަރުގަދަ ކުޅުންތެރިއެއް. އޭނާ އެއްވެސް މީހެއް ދެކެ ބިރެއް ނުގަންނާނެ. އަދި ކޮންމެ މެޗެއްގެ ވެސް 90 މިނެޓުގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ދައްކާނެ. އަހަރެންނަކީ ޗެލްސީގެ ކޯޗު ނަމަ، ހިތުން ވިންދެއް ޖަހާލާ ތަނުން ނައިންގޮލާން ގަންނާނަން،" ފޯފޯޓޫ އަށް ދިން އިންޓަވިއެއްގައި ކީޕަރު ސްޒެސްނީ ބުންޏެވެ.
އޭނާ ބުނީ، ނައިންގޮލާން އަކީ ޓެކްނިކަލް ހުނަރުތަކެއް ހުރި ވަރަށް ފުރިހަމަ ކުޅުންތެރިއެއް ކަމަށާއި އެހެން ކްލަބަކަށް ބަދަލުނުވެ އަންނަ ސީޒަނުގައި ވެސް ރޯމާގައި ނައިންގޮލާން މަޑުކުރާނެ ކަމަށެވެ.
ނައިންގޮލާން ވަނީ އިޓާލިއަން ސެރީއާގައި ކުޅުނު 33 މެޗުން ރޯމާއަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.