މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު ދެކުނު ކޮރެޔާގެ ކަނޑުދަތުރުކުރާ ބޯޓެއް އުތުރުކޮރެޔާ ކައިރިން ކަނޑުއަޑިއަށް ޣަރަގުވެގެން ދިޔަ ހާދިސާގައި އެބޯޓްގައި ދަތުރުކުރި 104 މީހުންގެ ތެރެއިން މަރުވެފައިވާ 46 ދަތުރުވެރިންގެ ޖަނާޒާގެ ރަސްމިއްޔާތު އެގައުމުގައި ބާއްވައިފި އެވެ.


މި ރަސްމިއްޔާތުގައި އާންމުންގެ އެތައް ހާސް ބަޔަކާއެކު އެގައުމުގެ ރައީސް ލީ-މުޔަންގް ބަކް ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އަދި އޭނާ ވަނީ މިހާދިސާގައި މަރުވި މީހުންގެ ފޮޓޯތަކުގެ ކުރިމަތީގައި ޚާއްސަ މެޑަލް އެއް ބާއްވަވާފަ އެވެ.


މިހާދިސާއާ ގުޅިގެން ދެކޮރެޔާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފަ އެވެ. ދެކުނު ކޮރެޔާގެ ބައެއް ފަރާތްތަކުން ވަނީ މިހާދިސާ ހިނގުމުގައި އުތުރު ކޮރެޔާގެ އަތެއް ވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިހާދިސާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ ބޯޓް އަޑިއަށް ގޮސްފައިވަނީ އުތުރުކޮރެޔާއިން ޓޯޕިޑޯ މިސައިލަކުން އެބޯޓަށް ހަމަލާ ދިނުމުން ކަމަށް ބެލެވޭކަމަށެވެ. ނަމަވެސް މިކަމަށް އުތުރު ކޮރެޔާއިން ވަނީ އިންކާރުކޮށްފަ އެވެ.


މިހާދިސާގައި މަރުވެފައިވާ 46 މީހުންގެ ތެރޭން 40 މީހެއްގެ ހަށިތައް ފެނިފައިވާއިރު އަނެއް ހަމީހުންގެ ހަށިތައް އަދިވެސް ފެނިފައެއް ނުވެ އެވެ.