07 May 2016, 16:15
ލޯނުގެ ދަށުން ރޯމާއަށް ކުޅެމުންދާ އޭސީ މިލާނުގެ ސްޓެފަން އައް ޝާރަވީ، އެ ކްލަބަށް ދާއިމީކޮށް ގެނައުމުގެ ކަންތައް ހަމަޖެހިފައިވާ ކަމަށް ކްލަބު ޑިރެކްޓަރު ވޯލްޓާ ސަބަޓީނީ ބުނި ނަމަވެސް ރަސްމީކޮށް އަދި ރޯމާގެ ކުޅުންތެރިޔަކަށް ނުވާ ކަމަށް ޝާރަވީ ބުނެފި އެވެ.
މި ސީޒަނު ނިމުމުން ލޯނުގެ ދަށުން މިލާނުން ރޯމާއަށް ޝާރަވީ ދޫކޮށްފައިވާ މުއްދަތު ހަމަވާނެ އެވެ. ލޯނުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު ރޯމާއަށް ކުޅެން ފެށި ޝާރަވީ ވަނީ ސެރީއާގައި އެ ކްލަބަށް ހަތް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
"ސަބަޓީނީގެ ބަސްތަކަކީ ވަރަށް ހެޔޮ ބަސްތަކެއް. އަދި އެކަމަށްޓަކައި އަހަރެން އޭނާއަށް ޝުކުރު އަދާކުރަން. އެކަމަކު އަދި ރަސްމީކޮށް އަހަރެންނަކީ ރޯމާގެ ކުޅުންތެރިއެއް ނޫން،" އޭނާ ބުންޏެވެ.
ޝާރަވީ ބުނީ، މި ވަގުތު އޭނާގެ ހުރިހާ ވިސްނުމެއް ހުރީ ސީޒަން ރަނގަޅަށް ނިންމާލުން ކަމަށާއި ރޯމާއިން ނިންމާ ގޮތެއް ބަލާނީ އެއަށްފަހު ކަމަށެވެ.
އިޓަލިއަން ސެރީއާގައި ރޯމާ މި ވަގުތު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، އެ ޓީމާއި ދެ ވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.