07 May 2016, 15:36
ގޮތް ނިންމުމާއި ކަންކަން ކުރުމަށް އިސްނެގުމުގައި އަންހެނުންނަކީ ގާބިލު ބައެއްކަން ސާބިތުކޮށްދިނުމަށް، ފިރިހެނުންނަށްވުރެ ދެ ގުނަ އިތުރަށް މަސައްކަތް ކުރަން ޖެހިފައިވަ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
އާއިލީ ކުންފުނި ސިމްޑީ ގްރޫޕުން ހިންގާ އިންސްޓިޓިއުޓް ފޯ ކައުންސެލިންގް އެންޑް ސައިކޯތެރަޕީ (އައިސީޕީ)ގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން އަންނަ ޝަކީލާ އެހެން ވިދާޅުވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރޯޔަލް އިންސްޓިޓިއުޝަނުގެ ހަތްވަނަ ގްލޯބަލް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުންނެވެ.
ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ޑރ. ޝަކީލާ ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދިއުމުގައި އަންހެނުންނަށް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދަށް ބައެއްގެ ގޮތުގައި ބެލެވިފައި އޮތުމުގެ ސަބަބުން، ގޮތް ނިންމުމުގައި އަންހެނުންނަކީ ނުކުޅެދޭ ބައެއްގެ ގޮތުގައި ހީވެފައި އޮންނަނީ. ފިރިހެނުން ކުރާ މަސައްކަތަށް ވުރެ ދެ ގުނަ އިތުރަށް އަންހެނުންނަށް މަސައްކަތް ކުރަން ޖެހޭ އެ މީހުންގެ ގާބިލިއްޔަތުކަން ސާބިތުކޮށްދިނުމަށް،" ޝަކީލާ ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވީ އަންހެނުންގެ ގާބިލުކަން ސާބިތުކޮށްދިނުމަށްފަހު އެ މީހުންނަށް ދިމާވާ ގޮންޖެހުންތައް މަދުވެ ކުރިއަށް ދާން އިތުރު ފުރުސަތުތައް ފަހިވި ނަމަވެސް، އެފަދަ ގޮންޖެހުންތަކަކާ އަންހެނުންނަށް ކުރިމަތިލާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން ޝަކީލާ އިތުރަށް ވިދާޅުވީ ސްކޫލު ތެރެއިންވެސް ޖިންސީ ތަފާތުކުރުންތައް ދަސްވާ ކަމަށެވެ. އެގޮތުން ކިޔަވައިދޭ ފޮތްތަކާއި ޓީޗަރުންގެ ފަރާތުން ވެސް އެކަން ފެނިގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެފަދަ ކަންކަމުންގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންގެ ހިތްވަރު ވަރަށް ބޮޑަށް ގެއްލޭ،" ޝަކީލާ ފާހަގަކުރެއްވި އެވެ.