އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިސް މާހިރުން ހިމެނޭ ގޮތަށް ސިންގަޕޫރުގައި އުފައްދާފައިވާ "ރޯޔަލް އިންސްޓިޓިއުޝަން"އިން، އެތަނުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާއޮނަރަރީ ފެލޯގެ މަގާމު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް އަރުވައިފި އެވެ.

އޮނަރަރީ ފެލޯގެ ޝަރަފު ރައީސް މައުމޫނަށް އަރުވާފައި ވަނީ ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ރޯޔަލް އިންސްޓިޓިއުޝަނުގެ ހަތްވަނަ ގްލޯބަލް ކޮންފަރެންސްގަ އެވެ.

ރައީސް މައުމޫނަށް އެ ޝަރަފު މިއަދު ލިބިވަޑައިގެންފައި ވާއިރު މިއީ ދެކުނު އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ ފަރާތަކަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.

އެ އިންސްޓިޓިއުޝަނުން އަރުވާ އެންމެ ޝަރަފުވެރި އަދި އިއްޒަތްތެރި ޝަރަފު ރައީސް މައުމޫނަށް އަރުވާފައި ވަނީ ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ރައީސް މައުމޫން ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ކަންތައް ފާހަގަކުރުމުގެ ގޮތުންނެވެ.

ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މައުމޫން ވަނީ ރޯޔަލް އިންސްޓިޓިއުޝަން އަކީ ސަރަހައްދީ ކުރިއެރުމުގައި މުހިންމު ރޯލެއް އަދާކުރާ ތަނެއް ކަމުގައި ފާހަގަކުރައްވައިފަ އެވެ.

މިއަދުގެ ގްލޯބަލް ކޮންގްރެސްގައި މައުމޫނަށް އޮނަރަރީ ފެލޯގެ ޝަރަފު އެރުވި އިރު، ހަ ވަނަ ގްލޯބަލް ކޮންގްރެސްގައި އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާއަށް ވަނީ ރޯޔަލް އިންޓިޓިއުޓް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޓަރސްގެ ފެލޯއެއްގެ ޕްރިސްޓީޖް އަރުވާފައެވެ. އެއީ ދިވެއްސަކަށް ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯކަން ލިބުނު ފުރަތަމަ ފަހަރެވެ.

ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޫރަކީ 200އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ޕްރޮފެޝަނަލް އިންސްޓިޓިއުޓްތަކުގެ މައްޗަށް އެކުލެވިގެންވާ ޕްރޮފެޝަނަލް މެމްބަޝިޕް އަދި އެކްރެޑިޓިން އިންސްޓިޓިއުޓެކެވެ.

އެ އިންސްޓިޓިއުޓްގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ތަފާތު އެކި ރޮނގުތަކުގެ އިލްމީ ގާބިލު ހުނަރުވެރި އަދި ފަންނުވެރި ބޭފުޅުން ހާސިލްކޮށްފައިވާ އިލްމީ ދަރަޖައާއި ބައިނަލްއަގްވާމީ ގައުމީ އަދި އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ ޚިދުމަތްކަށް ބަލާލައި އެބޭފުޅަކަށް ހައްގު ދަރަޖައެއް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓައިޓަލްއެއް އެބޭފުޅުންނަށް އެރުވުމެވެ.

ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޫރަކީ 1968ގައި އުފެދުނު ސިންގަޕޫރުގެ އޭޓީއެސް ކުންފުނީގެ އިނީޝިއޭޓިވް އެކެވެ.