އެޑެކްސަލް އޭލެވެލް އަދި ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ޝަކީބް "ސަން"އަށް ވިދާޅުވީ، މިއަދު ފެށި އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 3761 ދަރިވަރުން އިމްތިހާން ހަދާނެ ކަމަށެވެ.

އޭގެ ތެރެއިން 1870 ދަރިވަރުންނަކީ އެޗްއެސްސީ ހަދާނެ ދަރިވަރުންނެވެ.

މިއަދު ފެށި އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި އިމްތިހާން ހަދާނީ 2014 ވަނަ އަހަރުގެ މެއި/ޖޫން ގައި ކިޔަވަން ފެށި ދަރިވަރުންނެވެ. އަދި މެއި/ޖޫން އޭލެވެލް އިމްތިހާން އެންމެ ފަހުން ހަދާނީ އަންނަ އަހަރު އެވެ.

އޭލެވެލް އަދި އެޗްްއެސްސީ އިމްތިހާން ނިމޭނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޯލެވެލް ނިމި އޭލެވެލްއަށް ކިޔަވަން ފެށުމާދޭތެރޭ ގިނަ މަސްތަކެއް ބޭކާރުވެގެންދާތީ މި އަހަރުން ފެށިގެން އޯލެވެލް އިމްތިހާނާއި ދިމާކޮށް އޭލެވެލް އިމްތިހާން އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެ ނިންމުމުގެ ދަށުން އޭލެވެލް އިމްތިހާން ސީރީޒް ފުރަތަމަ ހަދާނީ މިއަހަރު ގްރޭޑް 11 އަށް ވަތް ދަރިވަރުންނެވެ.