ފޯޓް މެކްމަރޭ (މޭ 7): ކެނެޑާގެ އަލްބާޓާ ޕްރޮވިންސުގެ ފޯޓް މެކްމަރޭގައި ރޯވެފައިވާ އަލިފާންގަނޑު ހަފްތާ ބަންދު ތެރޭގައި ދެގުނައަށް ބޮޑު ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ފޯޓް މެކްމަރޭގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އެ ސަހަރުގެ ބޮޑު ބައެއް އަދާ ހުލިވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ މީގެ ކުރިން ވެސް ދީފަ އެވެ.

"މާދަމާގެ ރޭގަނޑަށް އަލިފާންގަނޑުގެ ސައިޒު ދެގުނައަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެކަށީގެންވާ ވަރަށް މިސަރަހައްދަށް ވާރޭ ނުވެހޭތާ ދެ މަސް ވެއްޖެ. އެކަށީގެންވާ ވަރަށް ވާރޭ ވެހެން ދެން އަލިފާންގަނޑު އަނދަމުންދާނެ،" އަލްބާޓާ އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ ޑިވިޝަންގެ ސީނީއާ މެނޭޖާ އޮފް ވައިލްޑް ފަޔާ ޕްރިވެންޝަން، ޗެޑް މޮރިސަން ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ރޯވާން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވެ އެވެ. އެ އަލިފާންގަނޑުގެ ސަބަބުން ފޯޓް މެކްމަރޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ދިޔުމަށް އޮފިޝަލުން ވަނީ އަންގާފަ އެވެ. އާބާދީގައި 88،000 ވަރަކަށް މީހުން ދިރިއުޅޭ އެސަހަރުގެ މީހުން ސަލާމަތް ކުރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވަމުންދާ ކަމަށް އަލްބާޓާގެ ޕްރޮވިންޝަލް ގަވަމެންޓުން ބުނެފައިވެ އެވެ.

އަލިފާންގަނޑު ފެތުރެމުން ދިޔުމުގެ ސަބަބުން އަލްބާޓާގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އެ ހާދިސާގައި 1،600 ގެ އަނދާ ހުލިވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އޭޕީ)