އިސްލާހު ގެނެސް، މިއަދު ފާސްކުރި އެފްއޭއެމްގެ އަސާސީ ގަވާއިދު ފީފާއިން ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ މިދިޔަ މާޗު މަހު ފާސްކުރި އަސާސީ ގަވާއިދު، ފީފާއިން ގަބޫލުނުކުރުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބައްސާމް ވިދާޅުވީ، މިއަދު އިސްލާހުކުރި މާއްދާތަކާއެކު އަސާސީ ގަވާއިދު ފީފާއަށް ފޮނުވާފައިވާ ކަމަށާއި ފީފާގެ ފަރާތުން އެއްވެސް މައްސަލައަކާ ކުރިމަތީލާކަށް ނުޖެހެނޭ ކަމަށެވެ.

"ފީފާގެ އާނބަސް ވަނީ ލިބިފަ. ދެން އޮތީ ރާއްޖޭގައި މީތި ރަޖިސްޓާވުން. އިރާދަކުރެއްވިއްޔާ އެކަން ވެސް އަޅުގަނޑަށް މި ޖަލްސާ ނިންމާލިތަނުން ހޯމް މިނިސްޓްރީގެ އެސޯސިއޭޝަންތަކާ ބެހޭ ބޭފުޅަކު އަޅުގަނޑަށް ގުޅުއްވާ އެންމެ ލަސްވެގެން އަންގާރަ ދުވަހަށް ފާސްކޮށްދެއްވާނެ ކަމުގެ އުފާވެރި ހަބަރު ވެސް ވަނީ ދެއްވައިފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ތާވަލުކުރެވިފައިވާ ދުވަސްތަކަށް އިންތިހާބު ބޭއްވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް އިންތިހާބަކަށް ހުޅުވާލާ ގޮތަށް ނިންމާފައި ވަނީ ފީފާއާ މަޝްވަރާކޮށް ފީފާގެ ވެސް ރުހުމާއެކު ކަމަށެވެ.

"އަޅުގަނޑުމެން ފީފާއާ މަޝްވަރާކުރިން. ފުރަތަމަ ފީފާއިން މި ބުނަނީ ކެނޑިޑަސީ އޯޕަން ނުކޮށް ހަމައެކަނި ސްޓެޓިއުޓްސް ފާސްކުރާށޭ. ނަމަވެސް ސަސްޕެންޝަނާ ދުރަށް ދިއުމަށްޓަކައި މިކަން ކުރަން ވެއްޖެއްޔާ އެންމެން ބައިވެރިވާ ކަހަލަ އިންތިހާބަކަށް ހުޅުވާލެވިގެން އިންތިހާބެއް ބާއްވަން. އޭރުން ކަންނޭނގެ އަޅުގަނޑުމެންނަށް ހީވަނީ އަޅުގަނޑުމެން ބޭނުންވާ މަގްސަދު ހާސިލުވާނީ،" އޭނާ ވިދާޅުވި އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ، މިއަދު ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހު ފީފާ އާއި ފުޓްބޯޅައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއެކު ހެދުނު ސްޓެޓިއުޓްސްއެއް ކަމަށާއި އެ ސްޓެޓިއުޓްސްތައް ފާސްކުރުމަށްފަހު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށްފައިވާނެ ކަމަށެވެ.

"އޭރު ހެދުނު ސްޓްޓިއުޓްސްގެ ވަކި މާއްދާތަކެއް އިތުރުކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައި. މިއަދު ފާސްވެގެން މިދިޔައީ އަޅުގަނޑުމެން ފީފާއާއެކު ހެދުނު ސްޓެޓިއުޓްސްއާ އަދި ހަމައެއާއެކު ހޯމް މިނިސްޓްރީން އެދިލެއްވި އެ މާއްދާތައް އިތުރުކޮށްގެން. އަޅުގަނޑު ދެކޭގޮތުގައި މިއަދު ފާސްކުރެވުނީ މިހާރު ފީފާ އަދި ރާއްޖޭގެ ކްލަބުތައް އެފްއޭއެމުން ވެސް އަދި ހޯމް މިނިސްޓްރީން ވެސް ބޭނުންވާ ގޮތަށް ސްޓެޓިއުޓްސްތައް ފާސްކޮށްފައި މިހާރު މިއޮތީ. އެހެންވީމަ އަޅުގަނޑަކަށް ހިއެއް ނުވޭ ދެން އިތުރު މައްސަލައެއް އަޅުގަނޑުމެންނާ ކުރިމަތިވާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އަސާސީ ގަވާއިދު މިއަދު ފާސްކޮށްފައި ވަނީ ޖުމްލަކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވި ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދުގައިވާ އިސްލާހުތަކާ އެއްގޮތަށެވެ.