10 May 2011, 08:25
ބޮޑު ގުދެއްލައިގެން އުފެއްދި، ބަހައްޓަން ބޮޑު މޭޒެއް ބޭނުންވި، ޓީވީއާއި އެފަދަ ކޮމްޕިއުޓަރު މިހާރު ވަނީ ގިނަ ބަޔަކާ އަލްވަދާއު ކިޔާފަ އެވެ. ޓޯކީ ސެޓަކަށް ވުރެ ވެސް ބޮޑުކޮށް ފުރަތަމަ އުފެއްދި މޯބައިލް ފޯނުވެސް މިހާރު ޖީބުގައި އޮންނަ އިރު އެއްޗެއް އޮތްކަންވެސް މީހުންނަށް ނޭނގޭ ވަރަށް ވަނީ ކުޑަކޮށްފަ އެވެ.
މަޝްހޫރު ސްމާޓްފޯނުތައް ކަމަށްވާއި އައިފޯނާއި ގޫގުލް ފޯނަށް ފަހުވެސް މީހުންގެ އުއްމީދުތައް އަދިވެސް ހުރީ މަތީގަ އެވެ. އެހެން ކަމުން އުފެއްދުން ތެރިން މިހާރު ވަނީ ކުޑަ ކަރުދާސްކޮޅެއް ހެން ޖީބުގައި ލެނބި ލެނބި އޮންނަ ފަދަ ސްމާޓްފޯނެއް އުފައްދާފަ އެވެ.
ކޮމްޕިއުޓަރަކާއި ފޯނަކުން ކުރެވޭ ބޭނުންވެސް ފުދޭ ގޮތަށް އަލަށް އުފެއްދި ޕޭޕަ ފޯންގެ ޑިސްޕްލޭއަކީ އަދި މުޅި ފޯނަކީވެސް ބޭނުންގޮތަކަށް ލަންބާލެވޭ ތުނި ތުނި ޕްލާސްޓިކް ފިލްމެއް( ޝީޓެއް) ކަމަށް ވިޔަސް މިޒަމާނުގެ ސްމާޓްފޯނަކުން ކުރެވޭ ހުރިހާ ކަމެއް އެ ފޯނުންވެސް ކުރެވެ އެވެ.
އެހެން ސްމާޓްފޯނުތަކާ ހިލާފަށް ޕޭޕަފޯން ބޭނުން ނުކޮށް އޮންނަ ވަގުތުތަކުގައި އެފޯނުން އެއްވެސް ވަރަކަށް ހަކަތަ ބޭނުމެއް ނުކުރެއެވެ.
ޕޭޕަފޯން އީޖާދުކުރި ރޮއެލް ވާޓެގާލް ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފޯނާއި ކޮމްޕިއުޓަރު ފަދަ ހުރިހާ ބޭނުންތެރި ތަކެތި އޭނާ އުފެއްދެވި ލުއިލުއި ފޯނެކޭ އެއްގޮތަށް ބަދަލުވެގެންދާނެ އެވެ. ރޮއެލް އަކީ އިނގިރޭސިވިލާތުގެ ކިންގސްޓަންގައި ހުންނަ ކްއީންސް ޔުނިވަސިޓީގެ ހިއުމަން މީޑިއާ ލެބްގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ރޮއެލް ވިދާޅުވަނީ އޭނާގެ އުފެއްދުން ބޭނުންކުރާ މީހުންނަށް އެބޭނުން ކުރަމުންދާއިރު ބިއްލޫރި ނުވަތަ ޕްލާސްޓިކް ޝީޓެއް ގެންގުޅުމުގެ އިހުސާސް ނުވާނެކަމަށާއި ވާނީ ހަމަ ކަރުދާސްކޮޅެއް ގެންގުޅުމުގެ އިހުސާސް ކަމަށެވެ.
ކޮމްޕިއުޓަރެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު ފޯނެއްގެ ގޮތުގައި ބޭނުންކުރުމަށް ކަރުދާސްކޮޅެއް ފައްޖަހާލާހެން ޕޭޕަފޯން ފައްޖަހާލެވޭނެކަމަށާއި ސްކްރީންގެ ކަނަށް ފިތާލައިގެން ކިޔަމުންދާ ލިއުމުގެ ސޮފްހާތައް އުކާލެވޭނެ ކަމަށް ވެސް ރޮއެލް ވިދާޅުވެއެވެ. އަދި ގަލަމަކުން ލިޔާގޮތަށް އޭގެ ސްކްރީންގައި ލިޔެ ލެވުމަކީ ކަރުދާސްކޮޅެއް ގެންގުޅުމުގެ އިހުސާސް އިތުރަށް ކުރުވާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ޑރ. ރޮއެލް ވާޓެގާލްގެ ކަރުދާސް ކޮމްޕިއުޓަރާއި ފޯނު އަންނަ ބުދަ ދުވަހު އާއްމުކޮށް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އިންގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ކޮމްޕިއުޓަ މެޝިނަރީއިން ބާއްވާ ކޮމްޕިއުޓަ ހިއުމަން އިންޓަރެކްޝަން 2011 ކޮންފަރެންސްގައެ. އެކޮންފަރެންސް އޮންނާނީ އިނގިރޭސިވިލާތުގަ އެވެ.