ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ރުހޭ ގޮތަށް އިސްލާހު ގެނެސް، ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ދަރުބާރުގޭ ފާށަނާ މާލަމުގައި ކުރިއަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އަސާސީ ގަވާއިދު އިސްލާހުކޮށްފައިވަނީ ފީފާއިން ހުށަހެޅި އިސްލާހުތަކާއެކު އެވެ.

މިއަދު އެފްއޭއެމްގެ ކޮންގްރެސް ބާއްވާފައިވަނީ މިއަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އިސްލާހުކުރެވުނު އަސާސީ ގަވާއިދު ފީފާއިން ބަލައިނުގަނެ، އަސާސީ ގަވާއިދު އަލުން އިސްލާހުކޮށް މި މަސް ނިމުމުގެ ކުރިން އިންތިހާބު ބޭއްވުމަށް އެންގުމާ ގުޅިގެންނެވެ. މި މަސް ނިމުމުގެ ކުރިން އެފްއޭއެމްގެ އިންތިހާބު ނުބޭއްވިއްޖެނަމަ، ރާއްޖެއަށް އޮޓޮމެޓިކް ސަސްޕެންޝަނަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ފީފާއިން އަންގާފައިވެ އެވެ.

މިއަދު އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ ޖުމްލަކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވި ކޮންގްރެސްގައި ފާސްކުރެވުނު އަސާސީ ގަވާއިދުގައިވާ އިސްލާހުތަކާ އެއްގޮތަށެވެ.

މިއަދު އިތުރަށް އިސްލާހު ގެނެސްފައިވަނީ އަސާސީ ގަވާއިދު ފާސްކުރެވޭތާ 20 ދުވަސްތެރޭ އެފްއޭއެމްގެ އިންތިހާބު ބޭއްވުމާއި، އެފްއޭއެމް އުވާލާ ހާލަތެއް މެދުވެރިވެއްޖެނަމަ ފައިސާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ކޮންގްރެސްއެއް ބޭއްވުމެވެ. އެ ފައިސާއަކީ އެފްއޭއެމްއިން ދަރަނި ކެނޑުމަށްފަހު ފައިދާވާ ފައިސާ އެވެ.

އެފްއޭއެމްއިން ހުށަހެޅި އިސްލާހުގައިވާ ގޮތުން، އެ ފައިސާ ހަވާލުކުރެވޭނީ ކުޅިވަރުގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާއެއް ނުވަތަ ކުޅިވަރު ކައުންސިލް ނުވަތަ އޮލިމްޕިކް ކޮމިޓީއާ އެވެ. ފާސްކުރެވުނު އިސްލާހަކީ ކްލަބު އީގަލްސްގެ ވައިސް ޗެއާމަން އަހްމަދު ޠާރިގު (ޓޮމް) ހުށަހެޅުއްވި އިސްލާހެކެވެ.

ފުޓްސަލް އެސޯސިއޭޝަން، ބީޗް ފުޓްބޯލް އެސޯސިއޭޝަން، ޔޫތު ފުޓްބޯލް އެސޯސިއޭޝަން، ޕްލޭޔާސް އެސޯސިއޭޝަން، ރެފްރީޒް އެސޯސިއޭޝަން އަދި ވިމެންސް ފުޓްބޯލް އެސޯސިއޭޝަނެއް އެފްއޭއެމްގެ ދަށުން އުފައްދައި، ވޯޓުދެވޭ އުސޫލު ކުރިން ބޭއްވި ކޮންގްރެސްއިން އުވާލި ނަމަވެސް، މިހާރު އިންތިހާބުގައި އެ އެސޯސިއޭޝަންތަކަށް ވޯޓުލެވޭނެ އެވެ.

ކުރިން އިސްލާހުކުރި އަސާސީ ގަވާއިދުގައިވާ ގޮތުން، އެފްއޭއެމްގެ އިންތިހާބުގައި ވޯޓުދެވޭނީ އެއް ވަނަ ޑިވިޝަނުގެ އަށް ކުލަބަށާއި، ދެ ވަނަ ޑިވިޝަނުން 10 ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ތިން ކުލަބަށް އެކަންޏެވެ. ނަމަވެސް މިހާރު އަތޮޅުތަކުގެ ކްލަބުތައް ހިމެނޭގޮތަށް މިހާރު ޖުމްލަ 44 މަންދޫބުންނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި އެއް ވަނަ ޑިވިޝަނުގެ އަށް ކްލަބުން ކޮންމެ ކްލަބެއްގެ ދެ މަންދޫބުންނަށް ވޯޓުލެވޭނެ އެވެ. ނަމަވެސް ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ވޯޓުދެވޭނީ ވުޖޫދުގައިވާ ކްލަބުތަކާއި އެސޯސިއޭޝަންތަކަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު މިއަދު އިސްލާހުކުރެވުނު ނަމަވެސް، އެފްއޭއެމްގެ އިންތިހާބު ބޭއްވޭނެ ތާރީހެއް އެނގިގެންދާނީ އިސްލާހުކުރެވުނު އަސާސީ ގަވާއިދު ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވުމުންނެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެއްވަނަ ޑިވިޝަނުގެ ކޮންމެ ކްލަބެއްގެ މަންދޫބަކު ބައިވެރިވިއިރު، ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުން ޖުމްލަ ފަސް ކްލަބެއް ބައިވެރިވި އެވެ.