އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް ލޯރީ އާއި ވަން ޑައިރެކްޝަން ފަހަތަށް ޖެއްސުމަށްފަހު މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު މިއުޒީޝަންގެ މަގާމް ޓޭލާ ސްވިފްޓް ހޯދައިފި އެވެ.

އެމެރިކާގެ މުނިފޫހިފިލުވުމުގެ ހަބަރާއި މައުލޫމާތު ގެނެސް ދޭ ބިލްބޯޑުން ހޮވާ އެންމެ ބޮޑު އާމްދަނީއެއް ހޯދާ މިއުޒީޝަންގެ ލިސްޓުން އެއްވަނަ ހޯދި، "ޓްރަބަލް"ގެ ލަވަކިޔުންތެރިޔާ އަށް ވަނީ މިދިޔަ އަހަރު 73.5 މިލިއަން ޑޮލަރު ލިބިފަ އެވެ.

މިއީ ދެ ވަނާގައި އޮތް ކެނީ ޗެސްނީ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ދެ ގުނަ އެވެ. ޗެސްނީ އަށް މިދިޔަ އަހަރު ލިބިފައި ވަނީ 39.8 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ޓޭލާ ސްވިފްޓަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ، އޭނާގެ ފަސް ވަނަ ސްޓޫޑިއޯ އަލްބަލް، "1989" ޕްރޮމޯޓްކުރުމަށް މިދިޔަ އަހަރުގެ މޭ މަހުން ޑިސެމްބަރަށް ބޭއްވި، "ދަ 1989 ވޯލްޑް ޓުއާ" އަށް ލިބުނު ތަރުހީބާއެކުގަ އެވެ.

އެ ޓުއާގައި ޓޭލާ ސްވިފްޓްއާއެކު މަޝްހޫރު ގެސްޓުންގެ ގޮތުގައި ޖަސްޓިން ޓިމްބާލޭކް އަދި އެކްޓަރު މެޓް ލިބުލޭކް ފަދަ ތަރިން ބައިވެރިވެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ މިއުޒީޝަނުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަދި ލިސްޓުގެ ތިން ވަނަ ލިބުނީ، ލެޖެންޑަރީ ރޮކް ބޭންޑް، ރޯލިން ސްޓޯންސް އެވެ. މިދިޔަ އަހަރު ބޭއްވި ނޯތު އެމެރިކަން ސްޓޭޑިއަމް ޓުއާ އާއެކު ބޮޑު ތަރުހީބެއް ހޯދި އެ ބޭންޑަށް މިދިޔަ އަހަރު ވަނީ 39.6 މިލިއަން ޑޮލަރު ލިބިފައެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒީޝަނުންގެ ލިސްޓުގެ ފަސް ވަނައިގައި އޮތީ މިހާރު ހުއްޓުމަކަށް އައިސްފައިވާ ބޯއީ ބޭންޑް، ވަން ޑައިރެކްޝަން އެވެ. އެ ބޭންޑަށް ޓުއާތަކުން 19.6 މިލިއަން ޑޮލަރު ލިބިފައިވާއިރު، އަލްބަމް ސޭލްސް އިން ވަނީ 3.1 މިލިއަން ޑޮލަރު ހޯދާފައެވެ.

އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އަންހެން މިއުޒިޝަންގެ މަގާމް ހޯދި އެޑެލް އަށް ލިބުނީ ލިސްޓުގެ ނުވަ ވަނަ އެވެ. ލިސްޓުގައި ހަމައެކަނި ޓުއާ އެއް ނުކުރާ އާޓިސްޓް، އެޑެލް އަށް ރިކޯޑް ސޭލްސް އާއި ސްޓްރީމިން އަދި ޕަބްލިޝިން އިން މިދިޔަ އަހަރު ލިބުނީ އެންމެ 20.5 މިލިއަން ޑޮލަރެވެ.