07 May 2016, 12:19
އަންކާރާ (މޭ 7): ދައުލަތުގެ ސިއްރުތައް ހާމަ ކުރި ކަމަށް ބުނެ ތުރުކީގެ ދެ ނޫސްވެރިން ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.
ސަރުކާރާ އިދިކޮޅު ނޫހެއް ކަމަށްވާ ޖުމްހުރިޔެތުގެ އެޑިޓާ އިން ޗީފް، ޗާން ޑުންޑާ އާއި އެނޫހުގެ އަންކާރާގެ ބިއުރޯ ޗީފް، އާދަމް ގުލްގެ މައްޗަށް ދައުވާ ކުރީ ތުރުކީގެ އަސްކަރިއްޔާއިން ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށް ދޭ މަންޒަރު ދައްކުވައި ދޭ ކަމަށް ބުނާ ވީޑިއޯއެއް އާއްމު ކުރުމާ ގުޅިގެންނެވެ. ޑުންޑާގެ މައްޗަށް ޖަލު ހުކުމް ކޮށްފައި ވަނީ ފަސް އަހަރާއި 10 މަހަށެވެ. ގުލްގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށެވެ.
ދެނޫސްވެރިންގެ މައްޗަށް ސާބިތު ނުވި ދައުވާތަކުގެ ތެރޭގައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ޖާސޫސު ކުރުން ހިމެނެ އެވެ. ނަމަވެސް ކޯޓުން ދަނީ ޓެރަރިސްޓު ޖަމާއަތަކާ ދެ ނޫސްވެރިންނާ ގުޅުން އޮތް ކަމުގެ ދައުވާ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ޖަލު ހުކުމް ތަންފީޒު ކުރަން ފަށާނީ އެ މައްސަލައިގެ ހުކުމް ކުރުމުންނެވެ.
އަންކާރާގެ ކޯޓަކުން ޑުންޑާގެ މައްޗަށް ޖަލު ހުކުމް ކުރުމުގެ ކުރިން، ކޯޓު ކައިރީގައި ހުރި ހަތިޔާރު އެޅި މީހަކު ވަނީ ޑުންޑާ މަރާލަން މަސައްކަތްކޮށްފަ އެވެ. އެ ހަމަލާގައި ޑުންޑާއަށް އަނިޔާނުވި ނަމަވެސް އެހެން ނޫސްވެރިޔަކަށް އަނިޔާވި އެވެ. ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފަ އެވެ.
ޝަރީއަތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑުންޑާ ބުނީ އޭނާގެ މައްޗަށް ޖަލު ހުކުމްކޮށް، މަރާލަން މަސައްކަތް ކުރީ ހަމައެކަނި އެ މީހުން ހުއްޓުވަން ނޫން ކަމަށެވެ. ނަމަވެސް، މުޅި ތުރުކީގެ މީޑިއާ ބިރުގަންނަވަން ކަމަށެވެ.
ޑުންޑާ އާއި ގުލްގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ތުރުކީ އާއި އެހެން ގައުމުތަކުގެ ނޫސްވެރިންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެހުކުމް ކުށްވެރިކޮށްފަ އެވެ. (އަލްޖަޒީރާ)