އިސްލާމްއާބާދު (މޭ 7): ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގައި ހުންނަ ފިހާރައަކުން ވިއްކި ލައްޑޫއަށް ޒަހަރު އެޅީ ފިހާރައިގެ ވެރިމީހާގެ ކޮއްކޮ، ޚާލިދު މަހްމޫދު ކަމަށް އޭނާ އަމިއްލައަށް އެއްބަސްވެއްޖެ އެވެ.

ލައްޔާ ސިޓީގައި ހުންނަ އެ ފިހާރައިން ފަނިފަކުސަ މަރާ ބޭސް އަޅާފައިވާ ލައްޑޫ ކައިގެން މިދިޔަ ހަފްތާ ތެރޭގައި 30 މީހަކު މަރުވި އެވެ.

ކުށަށް އިއުތިރާފު ވަމުން ޚާލިދު ބުނީ ލައްޑޫއަށް ޒަހަރު އެޅީ އޭނާގެ ބޭބެ، ތާރިގު މުހައްމަދާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހު ކަމަށެވެ.

"އަހަރެން ބޭނުންވީ އޭނާއަށް ފިލާވަޅެއް ދޭން. އަހަރެން ރުޅި އައިސްގެން އެވަގުތު ތައްޔާރު ކުރަން ހުރި ލައްޑޫގެ ތެރެއަށް ފަނިފަކުސަ މަރާ ބޭސްފުޅިއެއް އެޅީ،" ޚާލިދު ބުނި ކަމަށް ޕޮލިސް އިންވެސްޓިގޭޓާ، މުހައްމަދު އަފްޒަލް ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިިންނާއި، އެއް އާއިލާއެއްގެ ހަބެއިންނާއި އެމީހުންގެ ބޮޑުދައިތަ ހިމެނެ އެވެ. ފުލުހުން ބުނި ގޮތުގައި ލައްޑޫ ކައިގެން ކާނާ ވިހަވި 52 މީހުންގެ ތެރެއިން ހަތަރު މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވަނީ ޚާލިދާއި މަހުމޫދުގެ އިތުރުން އެ ފިހާރައިގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކުވެސް ހައްޔަރުކޮށްފަ އެވެ. އެދެބެއިން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ. (އޭއެފްޕީ)