07 May 2016, 09:33
ޑެންގީ ބަލިން ސަލާމަތްވުމަށް މަދިރި ނައްތާލުމަށް ފޮގް ކުރުމަކީ ހައްލެއް ނޫން ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮމިއުނިކަބަލް ޑިސީސް ކޮންޓުރޯލް ހެޑް ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ މަދިރި ނައްތާލުމަށް ފޮގް ކުރިނަމަވެސް މަދިރި އުފެދޭ ތަންތަން ހުރިއްޔާ އަނެއްކާވެސް މަދިރި އާލާވާނެ ކަމަށާއި އެ ކަމަށް އޮތް ހައްލަކީ މަދިރި އާލާވާތަންތަން ނައްތާލުން ކަމަށެވެ.
"ފޮގް ކުރީމަ އުދުހޭ ބޮޑެތި މަދިރި މަރުވަނީ ފޮގްގެ އަސަރު ބޮޑަށް ކުރަނީވެސް ވައިވަކި ގޮތަކަށް ޖެހިގެން ވަކި މިންވަރަކަށް ހުރެގެން، ފޮގް ކުރާ ތަނުން ވިއްސާރަ ވެއްޖެއްޔާ އޭގެ އަސަރެއް ނުކުރާނެ، މާގިނައިން ފޮގް ކުރަންޔާ މަދިރި އެއަށް ރެސިސްޓްވާނެ، ދުވަސްކޮޅަކުން މަދިރިއަށް އޭގެ އަސަރެއް ނުކުރާނެ، އެހެންވީމަ ފޮގް ކުރުމަކީ އޭގެ ހައްލެއް ނޫން،" ނަޒުލާ ވިދާޅުވިއެވެ.

ޑރ. ނަޒުލާ މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ކޮންމެ އަހަރަކުވެސް ޑެންގީ ޖެހޭ މިންވަރު އިތުރުވާ ކަމަށާއި މި އިތުރު އެ ވަނީ މަދިރި އުފެދޭ ތަންތަން އުފެދޭތީ ކަމަށް ނަޒުލާ ވިދާޅުވި އެވެ. ހަމައެއާއެކު މަދިރި އާލާވަނީ އާންމުކޮށް ހުންނަ ބޮޑެތި ފެންގަނޑުގަނޑުގައި ނޫން ކަމަށާއި މަދިރި އާލާވަނީ ކުދިކުދި އެއްޗެތީގައި ފެން ހަރުލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަދިރި ނައްތާލުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި އަދި ޑެންގީ އިތުރުހެން ހީވާ ދުވަސްކޮޅުތަކުގައި ނުކުމެ ގައުމީ ފެންވަރެއްގައި އެ މަސައްކަތް ދަނީ ކުރަމުން ކަމަށް ނަޒުލާ ވިދާޅުވި އެވެ.
ކޮންމެ ރަށަކުން ވެސް ޑެންގީ ކޭސް އެއް ހުށައެޅިއްޖެނަމަ އެރަށެއްގެ ހެލްތު ސެންޓަރާއި ގުޅިގެން މަސައްކަތްތަކެއް ކުރަންފަށާ ކަމަށާއި އެގޮތުން ރަށު ތެރޭގައި މަދިރި އާލާވާތަންތަން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އެވަރުން ވެސް ޑެންގީ ކޭސްތައް އިތުރުވާނަމަ އެ ރަށަކަށް ފޮގްކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީހުން ހާލުދެރަވާ ކޭސްތައް ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ހަމައެއާއެކު ޑެންގީއަށް ޓެސްޓު ކުރުމަށާއި ފަރުވާދިނުމަށް ބޭނުންވާ ތަކެތި ކޮންމެ އަތޮޅެއްގައި ވެސް ހުރިތޯ ބަލަމުން އަންނަ ކަމަށް ވެސް ނަޒުލާ ވިދާޅުވި އެވެ.
"ދެންގީ އަކީ ވަކި ހާއްސަ ބޭހެއް ދޭ އެއްޗެއް ނޫން، އެހެން ނަމަވެސް އެ އަލާމާތްތައް ހުންނަގޮތުން އައިވީފުލުއިޑްސް ދިނުމާއި މިހެންގޮސް އެކިކަހަލަ ބޭސް ހުރޭ ދޭންޖެހޭ، އެހެންވީމަ އެއެއްޗެހިތައްހުރިތޯ ބޭނުންވާ މިންވަރަށްހުރިތޯ އަޅުގަނޑުމެން ޔަގީން ކުރަން،" ނަޒުލާ ވިދާޅުވިއެވެ.
މިހާތަނަށް ޑެންގީގެ 464 ކޭސް ހުށައަޅާފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އިތުރު އަދަދެކެވެ. ނަމަވެސް މި އަހަރު ހުށަހެޅި ކޭސްތަކުގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ޑެންގީ އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށަހަޅާފައި ވަނީ އަތޮޅުތެރެއިންނެވެ.
މާލެ އާއި ހުޅުމާލޭގައި ޑެންގީ އިތުރުވިއިރު ކ. ކާށިދޫ އާއި ހއ. އިހަވަންދޫގައި ވެސް ޑެންގީ އިތުރުވަމުންދާ ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.
މިދިޔަ އަހަރަކީ ޑެންގީގެ އައުޓް ބްރޭކް ކަމަށްވާއިރު މިދިޔަ އަހަރު ވަނީ 1800 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.