10 May 2011, 08:15
މޮސްކޯ: ރަޝިޔާގެ ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށް ހިންގަމުންގެންދާ ޕްރޮގްރާމް ފުރިހަމަ ކުރައްވައި ދުނިޔޭގައި ޢަސްކަރީ ގޮތުން އެންމެ ބާރުގަދަ އަދި އެންމެ ޤާބިލް ޤައުމުގެ ގޮތުގައި ރަޝިޔާ ހައްދަވާނެ ކަމަށް އެޤައުމުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ވަޢްދުވެ ވަޑައިގެންފިއެވެ.
ނާޒީ ޖަރުމަނުގެ މައްޗަށް ރަޝިޔާހޯދި ކާމިޔާބީއަށް 66 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މޮސްކޯގައި އިއްޔެ ބޭއްވި ޢަސްކަރީ އިޙްތިފާލެއްގައި ވާހަކަ ދައްކަވަމުން މިޑްވެޑޭވް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފެށި ރަޝިޔާގެ ލަޝްކަރުތައް ޒަމާނީ ކުރުމުގެ ޕްރޮގްރާމް ބިނާވެފައިވަނީ ސިފައިންގެ ޢަދަދު އެކަށީގެންވާ ވަރަކަށް މަދުކޮށް އެމީހުންނަކީ ތަޢްލީމާއި ތަމްރީނާއި ހުނަރާއި ތަޖްރިބާގެ ގޮތުން ދުނިޔޭގައި އެންމެ ޤާބިލް އެއްލަޝްކަރަށް ހެދުމަށާއި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރާއި ކޮންވެޝަނަލް ހަތިޔާރުގެ ސިނާޢަތު ޒަމާނީ ޓެކްނޮލޮޖީ އަށް ބަދަލުކުރުމުގެ މައްޗަށް ކަމުގައެވެ.
މިރަސްމިއްޔާތުގައި ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓީން ދެއްކެވި ވާހަކަފުޅުގައި ރަޝިޔާ ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށްޓަކައި މިހާރު ކުރެވިފައިވާ ޚަރަދުގެ އިތުރުން އެކަމަށް 718 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރު އެންމެ ގިނަ ޤައުމުކަމަށްވާ ރަޝިޔާގެ މުސްތަޤްބަލް، ބާރުގަދަ ޤާބިލް ސިފައިންގެ ލަޝްކަރަކާއި ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ހަތިޔާރުގެ އިންޑަސްޓަރީއަކާ ނުލާ ތަސައްވުރު ނުކުރެވޭނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
ރަޝިޔާއަކީ ކޮންވެންޝަނަލް ހަތިޔާރުގެ ސިނާޢަތަށް ބެލިނަމަވެސް އެމެރިކާ ފިޔަވައި ދުނިޔޭގައި ހަތިޔާރުގެ އެންމެ ބޮޑު އިންޑަސްޓްރީ އޮންނަ ޤައުމެވެ. ނަމަވެސް ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފެއްދި ރަޝިޔާގެ ހަތިޔާރުގެ އިންޑަސްޓްރީ މިހާރުވަނީ ޒަމާނީ ޓެކްނޮލޮޖީ އަށް ބަދަލުކުރަން ޖެހިފައެވެ.
ރަޝިޔާ މިހާރު ގެންދަނީ އެޤައުމުގެ ހަތިޔާރުގެ އިންޑަސްޓްރީ ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމަށް އަދިވެސް އަހަރުތަކެއް ނަގާނެ ކަމަށް އެޤައުމުން ބުނެއެވެ. -- ނޫސްއެޖެންސީތައް