މީދަލަކާއި ބުޅަލެއްގެ އަރާރުމުގެ ދިރިއުޅުމެއްގެ މައްޗަށް 1940 ވަނަ އަހަރު އުފެއްދި ސިލްސިލާ ކާޓޫން "ޓޮމް އެންޑް ޖެރީ" އަކީ އުމުރުން ކުޑަ އަދި ކިތަންމެ ބޮޑު މީހަކަށް ނަމަވެސް ބަލައި ފޫހިނުވާނެ މަޖާ ކާޓޫނެކެވެ. ނަމަވެސް އޭގެން ދައްކާ ބައެއް މަންޒަރުތަކަކީ އަދުގެ ކުޑަކުދިންނަށް ދައްކަން އެކަށީގެންވާ މަންޒަރެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮންމެ އަކަސް، ހަމަނުޖެހުމުގެ ސަގާފަތެއް މިސްރުގެ އިތުރުން މެދު އިރުމަތީގައި ފެތުރޭތީ މިސްރުގެ ސަރުކާރުގެ އޮފިޝަލަކު ކުށްވެރިކުރީ އައިއެސް އާއި އަލްގައިދާއެއް ނޫނެވެ. ނަމަވެސް "ޓޮމް އެންޑް ޖެރީ" އެވެ.

ކާޓޫނާއި ވީޑިއޯ ގޭމްތަކުން ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މަޝްވަރާކުރުމަށް ކައިރޯގައި މިދިޔަ ހަފްތާ ތެރޭގައި ބޭއްވި ފޯރަމެއްގައި މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސްގެ އިސްވެރިޔާ ސަލާހް އަބްދުލް ސާދިކް ވިދާޅުވީ، ޓޮމް އެންޑް ޖެރީގެ ތަޅާފޮޅުމުން ސިކުނޑިއަށް ސިފަކޮށްދެނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

"މަޖާޒީ ގޮތެއްގައި ޓޮމް އެންޑް ޖެރީ ހިންގާ ހަމަނުޖެހުމުން ބުނެދެނީ، އާއެކޭ އަހަންނަށް އޭނާގެ ގައިގައި ޖެހިދާނޭ. ގޮވާޒާތުގެ އެއްޗެހި ހަރުކޮށްގެން ގޮއްވާވެސް ލެވިދާނޭ. މީހުންގެ ސިކުނޑިތަކުގައި ހަރުލާފަ އިންނަނީ އެއީ މައްސަލައެއް ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެދުރުންނާއި މީޑިއާގެ މާހިރުންގެ އިތުރުން ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވި އެ ފޯރަމްގައި އިތުރަށް ވާހަކަދައްކަވަމުން ސާދިކް ވިދާޅުވީ، ޒުވާނުންނަށް މީހުން މަރާ ލޭ އޮހޮރުވާ ވީޑިއޯ ގޭމްތައް ކުޅުމުގައި ގިނަ ވަގުތު އުފަލާއެކު ތިބެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަމަނުޖެހުމަށް އަރައިގަތުމަށް ޒުވާނުންނަށް ހިތްވަރުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާދިކްގެ އެ ވާހަކަފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން މަޖައަކަށް ހަދާފައެވެ. އެގޮތުން ޓޮމް އެންޑް ޖެރީ އަކީ ޓެރަރިސްޓުން ކަމަށް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

މައުލޫމާތު: އޭޕީ