އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ލަންޑަންގެ މޭޔަރުގެ މަގާމަށް ފުރަތަމަ ފަހަރަށް މުސްލިމު ބޭފުޅަކު ހޮވިއްޖެ އެވެ.

އިއްޔެ ލަންޑަނުގައި ކުރިޔަށް ދިޔަ އެގައުމުގެ މޭޔަރު ހޮވުމުގެ އިންތިޚާބުގައި ކުރި ހޯއްދަވާފައި ވަނީ، އެގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައިވާ ލޭބާ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ސާދިގު ހާން އެވެ. ސާދިގަކީ، ޕާކިސްތާނު ނަސްލުގެ މުސްލިމު ބޭފުޅެކެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ސާދިގު ޚާން ވަނީ އިނގިރޭސި ޕާލަމެންޓުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު އެޑް މިލިބެންޑްގެ ޝެޑޯ ކެބިނެޓުގެ އެކި މަގާމުތައް ސާދިގު ފުރުއްވާފައި ވެ އެވެ.

ލަންޑަނުގެ މޭޔަރުގެ މަގާމަށް ލޭބާ ޕާޓީގެ ސާދިގު ޚާން އިންތިޚާބުވެފައިވާ އިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ، އިނގިރޭސި ވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓު ޒެކް ގޯލްޑްސްމިތެވެ.

ލަންޑަނުގެ މޭޔަރު ހޮވުމުގެ އިންތިޚާބާ އެކު، ގްރޭޓާ ލަންޑަންގެ އެސެމްބްލީއަށް މެމްބަރުން ހޮވުމުގެ އިންތިޚާބު ވެސް ކުރިޔަށް ގެންގޮސްފައި ވެ އެވެ. 25 މެމްބަރުން އިންތިޚާބު ކުރަންޖެހޭ ލަންޑަން އެސެމްބްލީ އިލެކްޝަނުގެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި، ކުރީގައި އުޅެނީ އިދިކޮޅު ލޭބާ ޕާޓީ އެވެ. ލޭބާ ޕާޓީއިން 12 ގޮނޑި ހޯދާފައިވާ އިރު، ބޮޑުވަޒީރު ޑޭވިޑް ކެމެރަން ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ ނުވަ ގޮނޑި އެވެ.