މެޑިސިންގެ ދާއިރާއާއި އިންޖިނިއަރިންގ ދާއިރާގެ ތައުލީމު ދިނުމުގައި، ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޕާކިސްތާނުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހްމަދު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމުގެ ފެޑެރަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ މުހައްމަދު ބާލިގުއްރަހްމާނާ ބައްދަލު ކުރައްވާފައިވާ އިރު، ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ތައުލީމީ ދާއިރާގެ ވާހަކަތައް ހިއްސާ ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މެޑިސިންގެ ދާއިރާއާ އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ދިނުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކާ، އެދާއިރާއާ ގުޅޭ އެހެނިހެން މައުލޫމާތު ސްޓޭޓް މިނިސްޓަރު ރަހްމާން ވަނީ އަޒްލީންއާ ހިއްސާ ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، ޕާކިސްތާނަކީ އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ތަފާތުވަނީ އެ ސަބަބާ ހުރެ ކަމަށެވެ.