06 May 2016, 21:26
މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.
ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ ފުރަތަމަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަސް ވަނީ، މޭ މަހުގެ އަށެއް ވާ އާދީއްތަ ދުވަހަށެވެ.
މި ދުވަސް ނިސްބަތް ވަނީ، ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވި ރާއްޖޭގެ ކުރީގެ ރަދުން، ސުލްތާން އަލީ (ހަވަނަ)، މަޝްހޫރު ނަމުން ނަމަ އަލިރަސްގެފާނަށެވެ.
އައްޑޫ ސިޓީގައި މި ދުވަސް މި އަހަރު ފާހަގަކުރުމަށް ހޯމް މިނިސްޓްރީން ނިންމާފައިވާ އިރު، މި ދުވަހުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތައް މިއަދު ވަނީ އެ ސިޓީގައި ފަށައިފަ އެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވަމުން، މުހައްމަދު އަބްދުލްސަމަދު "ސަން" އަށް ވިދާޅުވީ، މިއަދު އައްޑޫ ސިޓީގެ ހުޅުދޫ މީދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާ ކަމަށާއި، މި ހަވީރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ އިތުރުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށެވެ.
އޭނާ ވިދާޅުވީ، މި ހަވީރުގައި، ރާއްޖޭގައި ގައުމަށްޓަކައި ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެފައިވާ ބޭބޭކަލުންނާ ބެހޭ މައުލޫމާތު، އެތަނުގައި ހަދާފައި ހުރި ސްޓޯލުތައް މެދުވެރިކޮށް ކުޑަކުދިންނަށް ދެވުނު ކަމަށެވެ.
މުހައްމަދު ވިދާޅުވީ، މާދަމާ ހަވީރު އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް އެއް ވަގުތެއްގައި ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ، އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި އޮންނާނެ އެވެ. މި ޖަލްސާގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.