އިންޑިއާގެ ބާރަތިޔާ ޖަނަތަ ޕާޓީއިން އެގައުމުގައި ހިންގަމުން އަންނަ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން، އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީއިން ބޭއްވި މުޒާހަރާއެއްގައި، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ހައްޔަރު ކޮށްފި އެވެ.

އުމުރުން 83 އަހަރުގެ މަންމޯހަން ސިންހަކީ، 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމަށް ބީޖޭޕީގެ ނަރެންދްރާ މޯދީ އައުމުގެ ކުރިން އެގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މަންމޯހަން ވަނީ އެ މަގާމު 10 އަހަރު ދުވަސް ވަންދެން އަދާކުރައްވައިފަ އެވެ.

ބީޖޭޕީގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން، ކޮންގްރެސް ޕާޓީއިން މިއަދު ނިއު ދިއްލީގައި ހުންނަ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ކުރާގެ ކައިރީގައި މުޒާހަރާ ކޮށްފަ އެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، މަންމޯހަންގެ އިތުރުން، އޭނާ ނިސްބަތްވާ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާންދީއާއި، ދަރިކަލުން އަދި އެޕާޓީގެ ނައިބު ރައީސް ރާހުލް ގާންދީވެސް ހައްޔަރު ކުރެވުނެވެ.

މި ބޭފުޅުން ހައްޔަރު ކުރެވިގެން ދިޔައީ، ސަރުކާރާ ދެކޮޅަށް ކުރި އެއްވުމެއް މުޒާހަރާއަކަށް ބަދަލުކޮށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދިމާލަށް މުޒާހަރާ ގެންދިއުމަށް މަސައްކަތް ކުރުމުންނެވެ.

އެހެން ނަމަވެސް، ހައްޔަރުގައި ކުޑަ ވަގުތުކޮޅެއް ބެހެއްޓުމަށްފަހު، އެބޭފުޅުން ވަނީ ދޫކޮށްލައިފަ އެވެ.

ކޮންގްރެސް ޕާޓީގެ މައި ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، ބީޖޭޕީގެ ސަރުކާރުން އިންޑިއާގެ ޑިމޮކްރަސީ "ހަލާކު" ކުރަމުން ދާ ކަމެވެ. ސަބަބަކީ، އިންޑިއާގެ އަރުނާޗަލް ޕްރަދޭޝާއި އުއްތަރަކަންދް ސްޓޭޓުގައި، އައިއެންސީއިން ކުރަމުން އައި ލާމަރުކަޒީ ވެރިކަން، އިންޑިއާގެ މައި ސަރުކާރުން އުވާލުމެވެ.