06 May 2016, 20:32
އަންނަ އަހަރުން ފެށިގެން އޭއެފްސީ ކަޕުގައި ކުޅެވޭނީ ވަކި ޝަރުތުތަކަކަށް ފެތޭ ކުލަބުތަކަށް އެކަނި ކަމަށް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ޑިވެލޮޕްމެންޓް އޮފިސަރ ޔޯގެޝް ޑިސައީ ބުނެފި އެވެ.
އޭއެފްސީން ހިންގާ ލީގް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ރީޖަނަށް ކަނޑައަޅާފައިފާ ޑިވޮލެޕްމެންޓް އޮފިޝަރު ޔޯގަސް ޑިސައީ، އެއްވަނަ ޑިވިޝަނުގެ ކްލަބުތަކާ މަޝްވަރާ ކުރުމަށް ފަހު މިއަދު ހަވީރު އެފްއޭއެމް ހައުސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ޕްރޮގުރާމްގެ ދަށުން މެމްބަރު ގައުމު ތަކުގެ އެސޯސިއޭޝަން ތަކުގެ ލީގް ތަކާއި ކުލަބުތަކަށް ގިނަ އެހީތަކެއް ފޯރު ކޮށްދޭނެ ކަމަށެވެ.
"އެ ޕްރޮގްރާމްގެ ދަށުން ލީގް ޑިވެލޮޕް ކުރުމަށާއި ކުލަބުތަށް އިތުރަށް ތަރައްގީ ކޮށް ކުރިއެރުވުމަށް އެ ފަރާތް ތަކާ ގުޅިގެން، ދިމާވާ ދަތިތައް ބަލައި ހައްލުކޮށްދޭން މަސަތްކަތް ކުރާނެ،" ޔޯގެޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕްރޮގުރާމްގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަކީ ރާއްޖޭގެ ކްލަބުތަކަށް ދޫކޮށްފައިވާ ލައިސެންސް މުރާޖާކޮށް އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"ކްލަބު ލައިސެންސަކީ މީގެ އެތައް އަހަރު ތަކެއް ކުރިން ވެސް އޭއެފްސީގެ ކުލަބުތަކަށް އޮންނަ އެއްޗެއް. ނަމަވެސް އެ ލައިސެންސް އޮންނަނީ އެންމެ ކުރިއާރާފައިވާ 24 ގައުމުގެ ކްލަބުތަކުގައި އެކަނި. އޭގެ ތެރޭގައި ޖަޕާން، މެލޭޝިއާ، ޗައިނާ، އޮސްޓްރޭލިއާ އަދި ކޮރެއާ ފަދަ ގައުމު ތަކުގައި އެކަނި،" ޔޯގެސް ވިދާޅުވިއެވެ.
ޔޯގެޝް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމްތަކަށް ވެސް އެ ލައިސެންސް އޮންނަން މަޖުބޫރު ވާނެ ކަމަށާއި ރާއްޖޭގެ ޓީމްތަކުން އެ ލައިސެންސް ނެގުމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަށް ކްލަބުތަކަށް ވެސް ފޮނުވާފައިވާނެ ކަމަށެވެ.
“އޭގެ ތެރޭގައި މި ހިމެނެނީ މައިގަނޑު 17 ކަމެއް. އަޅުގަނޑުމެން މި ކުރާ ކަމަކީ މެމްބަރު އެސޯސިއޭޝަންތަކަށް ގޮސް އެކަމުގެ މައުލޫމާތުދީ އެކަމަށް އެހީތެރި ވެދެނީ. އެގޮތުން ރާއްޖޭގައި އިއްޔެ މި ވަނީ އެ ޕްރޮގުރާމްގެ މައުލޫމާތު ދީފަ،" ޔޯގެޝް ވިދާޅުވިއެވެ.
އޭފެސީ ކަޕްގައި ރާއްޖެއިން ކޮންމެ އަހަރަކު ވެސް ދެ ޓީމަށް ބައިވެރިވުމުގެ ފުރުސަތު އޮންނައިރު ޔޯގެޝް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެއްވަނަ ޑިވިޝަނުގައި ވާދަކުރެވޭނީ ވެސް އެ ޝަރުތުތައް ފުރިހަމަ ކޮށްފައިވާ ޓީމް ތަކަށް އެކަނި ކަމަށެވެ.
ުޔޯގެޝް ވިދާޅުވީ، އެގޮތަށް ހަދަން ޖެހުނީ އޭއެފްސީ ކަޕްގައި ވާދަކުރުމުގެ ފުރުސަތު މި ލިބެނީ އެއްވަނަ ޑިވިޝަނުގެ ދެ ކުލަބަކަށްވާ އިރު އޭއެފްސީން ގަބޫލްކުރާ ފެންވަރުގެ ޝަރުތުތައް އެއްވަނަ ޑިވިޝަނުގެ ކުލަބުތަކުން ފުރިހަމަ ކުރަންޖެހުމަކީ މަޖުބޫރު ކަމަކަށް ވާތީ ކަމަށެވެ.