މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބަހްރައިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)އަށް 239.5 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ބަޓެލްކޯއަކީ، ދިރާގުގެ 52 ޕަސަންޓު ހިއްސާގެ ބެލެނިވެރި ކުންފުންޏެވެ. ބަޓެލްކޯއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ލިބުނު އާމްދަނީގެ މައުލޫމާތު އާންމުކޮށްފައިވާ އިރު، އެ ކުއާޓަރުގައި ލިބިފައިވާ 239.5 މިލިޔަން ޑޮލަރަކީ، 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ތިން ޕަސަންޓުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު ދެ ޕަސަންޓުގެ ކުރިއެރުމެކެވެ.

ބަޓެލްކޯއިން އާންމުކުރި މައުލޫމާތަށް ބަލާއިރު، އެކުންފުނިން 52 ޕަސަންޓުގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލު ކުރާ ރާއްޖޭގެ ދިރާގުގެ ޚިދުމަތްތައް ވަނީ ނިމިދިޔަ ކުއާޓަރުގައި ފުޅާވެފަ އެވެ. އެގޮތުން، ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 10 ޕަސަންޓު އިތުރުވެފައިވާ އިރު ބްރޯޑްބޭންޑް ކަސްޓަމަރުން ވެސް ވަނީ 17 ޕަސަންޓު އިތުރުވެފަ އެވެ.

އެހެން ނަމަވެސް ބަޓެލްކޯއިން ކޮންޓްރޯލުކުރާ ދުނިޔޭގެ އެހެން ޓެލެކޮމް ކުންފުނިތަކުގެ ޕަފޯމަންސް ވަނީ ދަށްވެފަ އެވެ. އެގޮތުން، ބަޓެލްކޯއިން ޔަމަނުގައި ހިންގާ ސަބާފޯން ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ 25 ޕަސަންޓު ދަށްވެފަ އެވެ.

ބަޓެލްކޯގެ ޗެއާމަން ޝައިޚް ހަމަދު ބިން އަބްދުﷲ އަލް ޚަލީފާ ވިދާޅުވީ، އެކިއެކި ގޮންޖެހުންތަކާ އެކުގައި ވެސް ބަޓެލްކޯގެ ހުރިހާ ކުންފުނިތަކުން ދަނީ ދުނިޔޭގެ އެކި މާކެޓުތަކުގައި އޮޕަރޭޓު ކުރަމުން ކަމަށާއި، އެކުންފުނިން މަސައްކަތް ކުރަނީ އޮޕަރޭޓު ކުރުމުގެ ޚަރަދުތައް ކުޑަ ކުރުމާއި އެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށެވެ.