09 May 2011, 22:22
ދުނިޔޭގެ ބާޒާރުގައި ހުރި ތިމާވެށްޓަށް ރައްކާތެރި އުފެއްދުންތައް ދައްކާލުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "އޯޒޯން ޓު ކްލައިމެޓް ޓެކްނޯލޮޖީ ރޯޑްޝޯ"އަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދުން ފެށިގެން އިން މަމަހުގެ 12އަށް ކުރިއަށްދާ އެ މައުރަޒަށް ރައީސް ނަޝީދު ކުރެއްވި ޒިޔާރަތުގައި، މައުރަޒުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި، މައުރަޒުގައި ބައިވެރިވާ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކާ ބެހޭގޮތުން ކުންފުނިތަކުގެ އިސްބޭފުޅުންގެ އަރިހުން މައުލޫމާތު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޯޒޯން ޓު ކްލައިމެޓް ޓެކްނޯލޮޖީ ރޯޑްޝޯއަކީ، ދުނިޔޭގެ ބާޒާރުގައި ހުރި، އަދި އަލަށް ތައާރަފް ކުރެވެމުންދާ، އެޗްސީއެފްސީ ބޭނުންނުކުރާ، އަދި ތިމާވެށްޓަށް ގެއްލުންނުލިބޭ، ނުވަތަ، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރާ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ. އެ މައުރަޒުގައި، ޓުއަރިޒަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އަދި ކޯލްޑް ސްޓޯރޭޖްތަކަށް ބޭނުންވާ އޯޒޯނާއި، ތިމާވެށްޓަށް ރައްކާތެރި އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ހިމަނާފައިވެ އެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލާ އެއްގޮތަށް، ރާއްޖެއިންވަނީ، ރާއްޖޭގައި ބޭނުންކުރާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓުން އަވަސް ކުރުމަށް، އެފަދަ ގޭސްތައް ބޭނުންކުރުން، މިއަހަރުން ފެށިގެން ކޮންޓްރޯލް ކުރަން ފަށައިފަ އެވެ.