06 May 2016, 16:55
ޕީއެސްއެމް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އޯޑިޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފި އެވެ.
މީގެކުރިން އެ މުބާރާތުގެ ބައިވެރިން މުބާރާތުގައި ކިޔެވުމަށް އަންނަނީ މާލެއަށެވެ. ނަމަވެސް މިއަހަރު ޕީއެސްއެމް އިން ވަނީ މުބާރާތުގެ ތިން ޖަޖުންނާ އެކު ރަށްރަށަށް ދަތުރުކުރަން ނިންމާފަ އެވެ.
މުބާރާތް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ޕީއެސްއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ޤުރުއާން މުބާރާތުގެ އޯޑިޝަން މިއަދު ބާއްވަނީ ހދ. ކުޅުދުއްފުށީގައި ކަމަށެވެ. އެގޮތުން އެރަށުން ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަށްރަށަށް އައިސް ބައިވެރިންގެ ކިޔެވުން ރެކޯޑްކޮށްގެން މި ގެންދަނީ. އެހެން ހެދީމަ ބައިވެރިންނަށް ފަސޭހަވެސް ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ކިޔެވުން ރެކޯޑް ކުރުމަށްފަހު ޖަޖުންގެ ޕެނަލަކުން އެ ކިޔެވުމަކަށް މާކްސް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އޯޑިޝަން ކުރިއަށްދާނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫ އާއި ލ. ފުނަދޫގެ އިތުރުން ރ. އުނގޫފާރުގަ އެވެ.
އޮފިޝަލް ވިދާޅުވީ، މުބާރާތަށް ގިނަ ބައެއްގެ ސަޕޯޓް ލިބެމުން އަންނަ ކަމަށެވެ.