ލަންޑަން(މޭ 6): އެމެރިކާގެ ހަރުކަށި ލީޑަރު އަދި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކަމަށް މިހާރު ބެލެވޭ ޑޮނަލްޑް ޓްރަމްޕަށް ގިނަބަޔަކު ވޯޓުދިނީ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަންގެ މައްޗަށް ކާމިޔާބު ހޯދޭނެ ހަމައެކަނި ލީޑަރަކީ ޓްރަމްޕު ކަމަށް ބަލައިގެންކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެ އެވެ.

ރޮއިޓާސް އާއި އެޕްސޮސް ފައުންޑޭޝަން ގުޅިގެން އެމެރިކާގައި ކުރި އާންމު ޚިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ވޯޓުލާމީހުންގެ އަޣްލަބިއްޔަތު މިހާރުވަނީ ދެބައަކަށް ބެހިފައެވެ. އެއީ ހައްދު ފަހަނަޅާފައިވާ ލީޑަރު ޑޮނަލްޑް ޓްރަމްޕް ކަޓުވާލަން ބޭނުންވާ މީހުންނާއި ހިލަރީ އަންހެނަކަށްވާތީ އޭނާ ކަޓުވާލަން ބޭނުންވާ މީހުންނެވެ.

މިދެބައިންކުރެ ޓްރަމްޕް ކަޓުވާލަން ބޭނުންވާމީހުން ވޯޓުދީފައިވަނީ ހިލަރީއަށް ކަމަށާއި ހިލަރީ ކަޓުވާލަން ބޭނުންވާމީހުން ވޯޓުދީފައިވަނީ ޓްރަމްޕްއަށްކަމަށް މިސާވޭގައި ސުވާލުކުރި މީހުން ހާމަކޮށްފައިވެއެވެ. މިސާވޭގެ ނަތީޖާ ދައްކާގޮތުން އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ހިލަރީއާއި ޓްރަމްޕްއެވެ. މިއާއެކު އެމެރިކާގައި ވޯޓުލާއާބާދީގެ ގިނަބައެއްގެ ވިސްނުންވެސް ހުރީ މިދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ކަޓުވާލުމަށް އަނެއް ބޭފުޅަކަށް ވޯޓު ދޭ ގޮތަށްކަން މިސާވޭން ހާމަވެފައިވެއެވެ.

ޓްރަމްޕަކީ އޭނާ އެމެރިކާގެ ރައީސްކަމަށް ވަޑައިގެންފިނަމަ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ތުހުމަތު ކުރެވޭ ހައްދު ފަހަނަޅާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޓްރަމްޕް ގެންދަވަނީ ދުނިޔޭގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކުރައްވައި މުސްލިމުންނަށް އިންޒާރު ދެއްވަމުންނެވެ. މިގޮތުން ޓްރަޕަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމެރިކާއަށް މުސްލިމުން ނާރުވާނެކަމުގެ އިންޒާރުވެސް ތަކުރާރުކޮށް އޭނާ ވަނީ ދެއްވާފައެވެ. އަދި އެމެރިކާއަށް ކަންކަމުގައި ވާގިވެރިކަންނުދޭ އިސްލާމީ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އެމެރިކާގެ އެއްބަޔަކު ހިލަރީ ކަޓުވާލަން ބޭނުންވަނީ އޭނާއަކީ އަންހެނަކަށްވާތީއެވެ. އަދި އަނެއް ބަޔަކު ޓްރަމްޕް ކަޓުވާލަން ބޭނުންވަނީ އޭނާއަކީ ހަރުކަށި ޚިޔާލުގެ ބޭފުޅަކަށްވާތީކަމަށްވެސް ސާވޭގައި ބައިވެރިވި މީހުން ބުނެފައިވެއެވެ.

ސާވޭ ކުރި މީހުންގެ ތެރެއިން 47 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ޓްރަމްޕްއަށް ވޯޓުދިނީ ހިލަރީ ކަޓުވާލުމުގެ ބޭނުމުގައި ކަމުގައެވެ. އަދި 43 އިންސައްތަ މީހުން ބުނިގޮތުގައި އެމީހުން ޓްރަޕަށް ވޯޓުދިނީ އޭނާގެ ސިޔާސަތުތަކަށް ތާއީދުކުރާތީ ކަމުގައެވެ. 46 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ހިލަރީއަށް ވޯޓުދިނީ ޓްރަމްޕް ކަޓުވާލުމުގެ ބޭނުމުގައި ކަމުގައެވެ. އަދި 40 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ހިލަރީއަށް ވޯޓުދިނީ އޭނާއަށް ތާއީދުކުރާތީ ކަމުގައެވެ. (ރޮއިޓާސް)