06 May 2016, 14:40
އުރީދޫ މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ދެލައްކައަށް ވުރެ ގިނަ ލައިކް ލިބުމާ ގުޅިގެން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އެކުންފުނީގެ ފަރާތުން 200 އެމްބީގެ ޚާއްސަ ހަދިޔާއެއް ދޭން ނިންމައިފި އެވެ.
މިވަގުތާ ހަމައަށް، އުރީދޫ މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް 206،000 އަށް ވުރެ ގިނަ ލައިކް ލިބިފައި ވެ އެވެ.
އުރީދޫއިން ބުނެފައި ވަނީ، މިކަމުގެ އުފަލުގައި އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް 200 އެމްބީގެ ޑޭޓާ ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އުރީދޫގެ 200 އެމްބީ ހިލޭ ޑޭޓާ ހޯއްދެވުމަށް ކަސްޓަމަރުން ޖެހޭނީ GO ޖެއްސެވުމަށްފަހު 5505 އަށް އެސްއެމްއެސްއެއް ފޮނުވާށެވެ.
އުރީދޫ މޯލްޑިވްސްއިން މި އަހަރު ތެރޭގައި ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެކުންފުނީގެ ބެލެނިވެރި ކުންފުނި ކަމުގައިވާ ޤަތަރުގެ އުރީދޫ ގްރޫޕަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޖުމްލަ 2.2 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، އޭގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެކުންފުނިން ބުނެފައި ވެ އެވެ.
އުރީދޫ މޯލްޑިވްސްއިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ 15.3 މިލިޔަން ޑޮލަރު (235 މިލިޔަން ރުފިޔާ)ގެ އާމްދަނީއެއް ހޯދައިފަ އެވެ. އަދި އެކުންފުނީގެ ހަތަރު ލައްކައަށް ވުރެ ގިނަ ކަސްޓަމަރުން ރާއްޖޭގައި އުޅޭ ކަމަށް އުރީދޫ ގްރޫޕުން ދާދި ފަހުން އާންމުކުރި މައުލޫމާތުތައް ބުނާ އިރު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މާރޗު މަހުގެ ނިޔަލަށް ރާއްޖޭގައި 761،000 އެކްޓިވް މޯބައިލް ފޯނު ކަނެކްޝަން ބޭނުން ކުރަމުން ދިޔަ އެވެ.