މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި، ހަރަމްފުޅުގެ މައްޗަށް ކްރޭނެއް ވެއްޓުނު ހާދިސާއާ ގުޅިގެން، ސަސްޕެންޑް ކުރި ސައުދީ އަރަބިއްޔާގެ މަޝްހޫރު ކޮންސްޓްރަކްޝަންސް ކުންފުނި، ބިންލާދިން ގްރޫޕުގެ ސަސްޕެންޝަން އުވާލައި، މަޝްރޫއުތަކަށް ކުރިމަތިލުމުގެ ހުއްދަ އަލުން ދީފި އެވެ.

ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ހިންގަމުން ދިޔައީ ބިންލާދިން ގްރޫޕުންނެވެ. ނަމަވެސް މައްކާއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ގަދަ ވަޔާ އެކު ކުރި ބޯ ވިއްސާރައާ ގުޅިގެން، އެމަސައްކަތުގައި ބޭނުން ކުރަމުން ދިޔަ ކްރޭނެއް ވެއްޓި، 107 މީހަކު ވަނީ އެ ހާދިސާގައި މަރުވެފަ އެވެ.

އެހެން ނަމަވެސް، ސައުދީގެ މީޑިއާގައި މިހާރު ރިޕޯޓު ކޮށްފައިވާ ގޮތުން، އެގައުމުގެ ސަރުކާރުން ވަނީ، ސަރުކާރުގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ހުއްދަ ބިންލާދިން ގްރޫޕަށް އަނެއްކާވެސް ދީފަ އެވެ. އަލް ވަތަން ނޫހުން ބުނާ ގޮތުގައި، ސަރުކާރުގެ ޓެންޑާތަކަށް ކުރިމަތިލުމުގެ ހުއްދަ، ރަސްގެފާނުގެ ޚާއްސަ ޤަރާރެއްގެ ދަށުން ބިންލާދިން ގްރޫޕަށް ދެއްވާފައި ވެ އެވެ.

މިއާ އެކު، ބިން ލާދިން ގްރޫޕުން ވަގުތީ ގޮތުން ހުއްޓާލާފައިވާ މަޝްރޫއުތައް އެކުންފުނިން އަލުން ފަށާނެ އެވެ.

މީގެ އިތުރުން، ހަރަމްފުޅުގެ ހާދިސާގެ ތަހްގީގާ ގުޅިގެން ބިންލާދިން ގްރޫޕްގެ ބޯޑް މެމްބަރުން ގައުމުން ފުރުން މަނާ ކުރި ކުރުން ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެ ހާދިސާ ހިނގިތާ އަށް މަސް ދުވަސް ފާއިތުވި އިރު، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް، ބިންލާދިން ގްރޫޕުން ވަނީ އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. މިކަން ބިންލާދިން ގްރޫޕުން ވެސް އޭއެފްޕީ ފަދަ އޭޖެންސީތަކަށް ކަށަވަރި ކޮށްދީފައިވާ އިރު، އެ ކުންފުނިން އަދަދެއް ހާމަކޮށްފައި ނުވެ އެވެ. ސައުދީ އަރަބިއްޔާގެ ނޫހެއް ކަމުގައިވާ ސައުދީ ގެޒެޓުން ރިޕޯޓު ކުރާ ގޮތުގައި އެކުންފުނިން ވަނީ 70،000 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފަ އެވެ.

މީގެ 80 އަށް ވުރެ ގިނަ އަހަރު ކުރިން އުފެއްދި ސައުދީ ބިންލާދިން ގްރޫޕުން ވަނީ ސައުދީ އަރަބިއްޔާގެ ބޮޑެތި، ބިޔަ މަޝްރޫއުތައް ހިންގައި، އެގައުމުގެ ނިޝާންތަކެއްގެ ގޮތުގައި ބެލެވޭ ބައެއް ބިނާތައް އިމާރާތް ކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިރަށް ރިޔާދުގައި ހުންނަ ފައިސަލިއްޔާ ޓަވަރާއި، މައްކާގެ ހަރަމްފުޅާ ދާދި ކައިރީގައި ހުންނަ އަބްރާޖުލް ބައިތު ކްލޮކް ޓަވަރު ހިމެނެ އެވެ.