މިއަދު ދިވެހި މުޖުތަމައުގައި، ރައްޔިތުން އެމީހުންގެ ދަރީންނަށް ޔަހޫދީ އަދި ނަޞާރާ ނަންތައް ކިޔަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވަނީ، ދަރީންނަށް ރިވެތި ނަންތަކެއް ކިޔުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށާއި، ވަކިން ޚާއްސަކޮށް ނަބީއިންނާއި ރަސޫލު ބޭކަލުންނާއި، އެނޫންވެސް މާތް ބޭކަލުންގެ ނަންފުޅުތަކުން ދަރީންނަށް ނަން ދިނުމަށް އެކަލޭގެފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް މިއަދު ދިވެހި މުޖުތަމައުގައި މިކަންކަމަށް ބަލައި ނޫޅޭ ކަމަށާއި، މާނައެއް ނެތް އާ ނަންތަކާއި، ޔަހޫދީ އަދި ނަޞާރާ ނަންތައް ވެސް ކިޔަމުން ދާ ކަމަށް ހުތުބާގައި ބުންޏެވެ.

"އެއްވެސް މާނައެއް ނެތަސް ބައެއް މީހުން ބަލަނީ އައު ނަމެއް ކިޔޭތޯ އެވެ. ބައެއް މީހުން ވިސްނާނުލައި ޔަހޫދީ ނަންނަމާއި ނަސާރާއިންގެ ނަންތައް އެމީހުންގެ ދަރީންނަށް މިއަދު އެބަ ކިޔަ އެވެ. ވީމާ މިއަދު ކުދިންނަށް ކިޔާ ނަންތައް އިސްލާމީ އުސޫލުން ކިޔޭ ރަނގަޅު ނަންތަކަކަށް ހަދަން ޖެހެ އެވެ. އެހެން މީހުން ނުކިޔާ ނަންތައް ކިޔަން އާ ނަންނަން ހޯދުމުގެ ބަދަލުގައި ރަސޫލާގެ އިރުޝާދާ އެއްގޮތަށް ނަންކިޔުމުގެ އާދަ ބަދަލުކުރަން ޖެހެ އެވެ،" ހުތުބާގައި ވެ އެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ، އިސްލާމް ދީނުގައި ހައްގުތައް ކަނޑައަޅުއްވާފައި ވަނީ ހަމަހަމަ އުސޫލުން ކަމަށާއި، ދަރީން މައިންބަފައިންނަށް ކަމޭހިތުމަށް އަމުރު ކުރައްވާފައިވާ ހިނދު، މައިންބަފައިން ވެސް ދަރީންނަށް އޯގާތެރިވުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މައިންބަފައިން ދަރީންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ ތެރެއިން، އެކުދިންނަށް ހެޔޮލަފާ ބަޔަކު ހޯދައިދިނުމަކީ ކޮންމެހެން ކޮށްދޭންޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ.